ކުރިއަށް އޮތް ބޮޑު އީދު ބަންދުގައި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ބުނެފިއެވެ.

މެޓް އޮފީހުގެ އޮފިޝަލަކަކު މިއަދު "ވަން" އަށް ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް 15 މޭލާއި 16 މޭލު ދެމެދު ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި މެދު ރާއްޖެ ތެރޭ އުތުރަށް ކުރިއަށް އޮތް ތިން ދުވަހާއި އީދު ބަންދުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މެދުރާއްޖެ ތެރެއާއި އުތުރުގެ ރަށްތަކުގައި ރާޅުގެ އުސްމިން ގާތްގަޑަކަށް ތިން ފޫޓާއި ހަ ފޫޓާ ދެމެދު ހުންނާނެ ކަމަށާއި ދެކުނުގެ ރަށްތަކުގައި ދެ ފޫޓާއި ހަތަރު ފޫޓު ދޭމެދުގައި ރާޅުގެ އުސްމިން ހުންނާނެ ކަމަށެވެ.

އޭގެ އިތުރުން މެޓުން ބުނީ އީދުގެ ފުރަތަމަ ދުވަހާއި ދެވަނަ ދުވަހު ރާއްޖޭގެ އުތުރުގެ ރަށްތަކަށް ކެރީގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް ބޯކޮށް ވާރޭ ނުވެހޭނެ ކަމަށް މެޓުން ބުންޏެވެ.

"ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް އާންމުގޮތެއްގައި މޫސުން ރަނގަޅު. ނަމަވެސް 16 އަދި 17 ވަނަ ދުވަހު ކޮންމެވެސް ވަރެއްގެ ކެރިކޮޅެއް ވެހޭނެ. 17 ވަނަ ދުވަހު ކޮންމެވެސް ވަރަކަށް ހެނދުނު ގަޑީގައި ކެރީގެ އަސަރު ކުރާނެ. ހާއްސަކޮށް ރާއްޖެއިން އުތުރާއި މެދުރާއްޖެ ތެރެއަށް. ދެކުނަށް އާނމުކޮށް މާބޮޑު ތަފާތެއް ނެތް،" އޮފިޝަލް ވިދާޅުވިއެވެ.

ކުރިއަށް އޮތް ހަފުތާ ބަންދު، ހުކުރު އަދި ހޮނިހިރުގައި ވެސް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ކެރީގެ އަސަރު ފޯރުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.

"އާންމުކޮށް ރާއްޖޭގެ އުތުރުގެ ރަށްތަކަށް މޫސުން ފުދޭ ވަރަކަށް ރަނގަޅަށް އުޅެނީ ކުރިއަށް އޮތް ތިން ދުވަހު މެދުރާއްޖެ ތެރެއާއި އުތުރުގެ ރަށްތަކަށް. އުތުރާއި މެދުރާއްޖެ ތެރޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ފޯރުން އެކަށީގެންވޭ. ވައި އެވެޖޭރުކޮށް އުޅެނީ މޮޑެރޭޓް 5 މޭލާއި 15 މޭލު ވައި ޖެހޭނީ. ނޯތުސެންޓްރަލް 8 އިން 18 ވައިގެ ބާރުމިން،" އޮފިޝަލް ވިދާޅުވިއެވެ.

އީދަށް ހަފުތާއަކަށްވުރެ ބޮޑު ބަންދެން ލިބޭ އިރު، ގިނަ ބަޔަކު މާދަމާ ރަށްރަށަށް ދިއުމަށް ފުރާނެއެވެ. އެގޮތުން ވައިގެމަގުންނާއި ކަނޑުމަގުން ރަށްރަށަށް ފުރާ ގިނަ އުޅަނދުތަކުގެ ޖާގަ ވެސް މިހާރު ވަނީ އެއްކޮށް ފުލްވެފައެވެ.