އުމުރުން ދުވަސްވީ ދިވެހިންނަށް ސްރީ ލަންކާގެ ޕާމަނަންޓް ރެސިޑެންސީ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު، ލަންކާގެ ސަރުކާރުގެ އަރިހުން އެދިވަޑައިގެންފިއެވެ.
ލަންކާއަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރެއްގައި ޒަމީރު ވަނީ މިދިޔަ އަންގާރަ ދުވަހު އެ ގައުމަށް ފުރާވަޑައިގެންފައެވެ. ރަސްމީ ދަތުރުގެ ތެރެއިން ޒަމީރު އިއްޔެ ވަނީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާ ވެސް ބައްދަލުކުރައްވައިފައެވެ. އަދި ވަނީ އެ ގައުމުގެ ފޮރިން މިނިސްޓަރު އެމްޔޫއެމް އަލީ ސަބްރީއާ ބައްދަލުކުރައްވައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. މީގެ އިތުރުން ޒަމީރު އިއްޔެ ވަނީ ލަންކާގެ ބައެއް ވިޔަފާރިވެރިންނާއި، ސިޔާސީ ލީޑަރުންގެ އިތުރުން އެ ގައުމުގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ޓިރަން އެލެސްއާ ބައްދަލު ކުރައްވައިފައެވެ.
ލަންކާގެ ލަންކާގެ ޑެއިލީ މިރާގައި ރިޕޯޓު ކޮށްފައިވާ ގޮތުން ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ޓިރަން އެލެސްއާއެކު ބޭއްވި ބައްދަލުވުމުގައި ޒަމީރު ވަނީ ލަންކާގައި ދިރިއުޅޭ އުމުރުން ދުވަސްވީ ދިވެހިންނަށް ޕާމަނެންޓް ރެސިޑެންސީ ލިބޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.
އެ ބައްދަލުވުމުގައި ލަންކާއަށް ދަތުރުކުރާ ދިވެހިންނަށް ފަސޭހައިން ވިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށާއި އިމިގްރޭޝަން މަސައްކަތްތަކާ ބެހޭގޮތުން ވެސް މަޝްވަރާ ކޮށްފައިވާ ކަމަށް ޑެއިލީ މިރާއިން ރިޕޯޓު ކޮށްފައިވެއެވެ.
އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ވިސާ ހަމަޖެއްސުން ހިމެނޭ ގޮތަށް، އިމިގްރޭޝަނާ ގުޅޭގޮތުން ކަމަށް ޑެއިލީ މިރާގައިވެއެވެ. އަދި، ލަންކާއިން ވިސާ ދެމުން އަންނަ ގޮތަށް ދާދި ފަހުން ގެނައި ބަދަލަށް ޒަމީރު ތައުރީފުކުރެއްވި ކަމަށް އެ ނޫހުގައިވެއެވެ.
ޓިރަން އެލެސްއާއެކު ޒަމީރު ބޭއްވި ބައްދަލުވުމުގެ މައުލޫމާތު ފޮރިން މިނިސްޓްރީން އަދި ހާމަކޮށްފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު