މި އަހަރުގެ މިހާތަނަށް ސަރުކާރުން އެއް ބިލިއަން ރުފިޔާގެ ލޯނު ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ސަރުކާރުން މިއަހަރުގެ މިހާތަނަށް އެއް ބިލިއަން ރުފިޔާގެ ލޯނު ދެއްކި ނަމަވެސް، ލޯނުގެ އިންޓްރެސްޓާ އެކު މި އަހަރުގެ މިހާތަނަށް ވަނީ 1.6 ބިލިއަން ރުފިޔާ ދައްކައިފައެވެ.

ލޯނުތަކުގެ އިތުރުން، ދައުލަތުން ނަގާފައިވާ ދަރަނީގެ އިންޓްރެސްޓަށް 5.2 ބިލިއަން ރުފިޔާ ދައްކަން ޖެހެއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ލޯނު ދެއްކުމަށް މި އަހަރު 2.2 ބިލިއަން ރުފިޔާ ހޭދަވެއެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނު އިރު، ދައުލަތުގެ ޖުމްލަ ދަރަނި 126 ބިލިއަން ރުފިޔާ އަށް ވަނީ އިތުރުވެފައެވެ. އެއީ އެތެރޭގެ ދަރަނި އިތުރުވުމުންނެވެ. މި އަހަރުގެ ބަޖެޓް ރިޕޯޓުގައިވާ ގޮތުން މި އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 131 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ދައުލަތުން އެންމެ ބޮޑު ދަރަންޏެއް އަދާކުރަން އޮތީ 2026 ވަނަ އަހަރުއެވެ. އެ އަހަރު ދަރަނި ދެއްކުމަށް 15 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހެއެވެ.