ސިހުރު ހެދިކަމުގެ ތުހުމަތުގައި ށ. ފުނަދޫން ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ.
ފުލުހުން މިދިޔަ މަހުގެ ތިންވަނަ ދުވަހު ބުނެފައިވަނީ ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ހައްޔަރުކޮށްފައިވަނީ ހަމަ އެ ދުވަހުގެ ވަގުތެއްގައި ކަމަށެވެ. އަދި ހަމަ އެ ދުވަހު އޭނާގެ ބަންދަށް ފުނަދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް ޖަހައިދީފައެވެ. އެ މުއްދަތު ހަމަވުމުން ކޯޓުން ވަނީ 10 ދުވަސް އިތުރަށް ޖަހައިދީފައެވެ. އެ ފަހުން ވަނީ ބަންދަށް ފަސް ދުވަސް ޖަހައިދީފައެވެ.
ފުލުހުން މިއަދު ބުނީ އެ މީހާގެ ބަންދު މުރާޖައާކުރަން ކޯޓަށް ހާޒިރުކުރުމުން ކޯޓުން އެ މީހާ ދޫކޮށްލުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ސިހުރު ހެދި ކަމަށް ތުހުމަތުކުރެވޭ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ފުލުހުން ފުރަތަމަ ފަހަރަށް އޭނާ ކޯޓަށް ހާޒިރުކުރުމުން، އެ ރަށު މީހުން ވަނީ އެ މީހާއާ ދެކޮޅަށް ކޯޓު ކައިރިއަށް އެއްވެ މުޒާހަރާކޮށްފައެވެ. އަދި ވަނީ ފުނަދޫ ޕޮލިސް ސްޓޭޝަން ކައިރީގައި ވެސް ހަމަނުޖެހުން ހިންގައިފައެވެ.
ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކުން ފެންނަ ގޮތުގައި ކޯޓު ކައިރީގައި ތިބި އާންމުންނާއި ފުލުހުންނާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގައިފައެވެ. އެ ހަމަނުޖެހުން ކޮންޓްރޯލުކޮށް، އާންމުން ކޯޓު ކައިރިން ދުރަށް ފޮނުވާލުމަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހައިފައެވެ. ފުލުހުން ޕެޕާ ސްޕްރޭ ޖަހާފައިވަނީ އާންމުންގެ ތެރެއިން ބަޔަކު ކޯޓު ތެރެއަށް ވަންނަން މަސައްކަތް ކުރުމުންނެވެ. އެއިރު ސިހުރު ހެދި ކަމަށް ތުހުމަތުކުރެވޭ މީހާ ހުރީ ކޯޓު ތެރޭގައެވެ.
ފުނަދޫން "ވަން" އާ ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ އެ މީހާ ސިހުރު ހަދަން މަސައްކަތް ކޮށްފައިވަނީ މިފަހަރުގެ މަޖިލިސް އިންތިހާބުގައި އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު މަމްދޫހު (މަންޑޭ) އަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު