އައްޑޫ ސިޓީގެ ހިތަދޫއާ ގުޅިފައިވާ ރަށްރަށަށް ސާފު ފެން ލިބުން މެދުކެނޑިފައިވާ އިރު، އެކި ފެންވަރުގެ ގިނަ އަދަދެއްގެ ވެރިން، އައްޑޫ ފެނަކައިގައި ތިބި ނަމަވެސް އެ މައްސަލަ ހައްލު ކުރަން ބޭނުންވާ ސާމާނާއި ޓެކްނީޝަނުން ނެތް ކަމަށް އައްޑޫ ސިޓީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.
ހިތަދޫއާ ގުޅިފައިވާ ރަށްރަށަށް ސާފު ފެން ލިބުން ހުއްޓިފައިވާ މައްސަލަ ވަގުތުން ވަގުތައް ހައްލު ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖލީހުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުން ނާޒިލް ވިދާޅުވީ، އާބާދީގައި 28،000 މީހުން ދިރިއުޅޭ އިރު، ގަވާއިދުން އެތަނަށް ސާފު ފެން ނުލިބޭތާ ދެމަހަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ ހައްލު ނުވެގެން އުޅެނީ އެކަމަށް ބޭނުންވާ ޓެކްނީޝަނުންނާއި ސްޕެއާޕާޓްސް ނެތުމުން ކަމަށް ފެނަކައިން ބުނާ ކަމަށެވެ. ނަމަވެސް އެކި ވަރުގެ ވެރިން ގިނަ އަދަދަކަށް އެކުންފުނީގައި ތިބި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ވެރިން އެބަލެވޭ، މެނޭޖަރުން އެބަލެވޭ، އެސިސްޓެންޑް މެނޭޖަރުންގެ ހަތް މީހުން އެބަތިބި، ޑިރެކްޓަރުން 10 މީހުން، އެސިސްޑެންޓް ޑިރެކްޓަރުންގެ 12 މީހުން އެބަތިބި، އެކަމަކު ޓެކްނީޝަނަކު ނެތް. ކަމެއް ދިމާވީމަ ހައްލު ކޮށްދެވޭނެ މީހަކުނެތް. ހައްތާވެސް ތިބީ މެނޭޖަރުން، ވެރިން ތިއްބެވީ އިށީންނާނެ ގޮނޑީނެތަސް، ހިދުމަތެއްދޭން ބަލާއިރު ވެރިންތޯ ބޭނުންވަނީ، ހިދުމަތްދެވޭނެ ގޮތްތޯ ބޭނުންވަނީ ބަލަންޖެހޭ،" ނާޒިލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާރު ކަންތައް އޮތް ގޮތުން ސާފު ފެން ހޯދަން ރައްޔިތުން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އެކަމާ ގުޅިގެން ހިދުމަތް ނުލިބި ރައްޔިތުންނަށް ޖެހެނީ ބިލްތައް ދައްކަން ކަމަށްވެސް ވިދާޅުވިއެވެ.
"މިހާރު ހަދަން ޖެހޭ ގޮތަނީ، އިސްކުރު ދޫކޮށްފައި އިސްކުރު ދަށުގައި ފެން ނަގަން ބާލިދީއެއް ބަހައްޓަން ޖެހެނީ. ނަމަވެސް ފެން އަންނާނެ އިރެއް ނޭނގޭ. އެހެން ހުއްޓާ މީހަކު ނެތް ގަޑިއެއްގައި ވެސް ފެން އަތުވެދާނެ ދެން ވާގޮތަކީ ބާލިދީ ފުރިގެން ފެންތައް ވޭސްޓް ވަނީ. އެހެންވީމާ ބައިގަޑިއިރުގެ ތެރޭގައި މަސް ދުވަހަށް އެގޭބިސީގެ މީހުން ބޭނުންކުރާ އަދަދަށްވެސް ފެން ވޭސްޓުވެގެންދޭ. ނަމަވެސް ބިލަށް ފައިސާ ދައްކަންޖެހޭ، އެހެންކަމުން ނުލިބޭ ހިދުމަތަކަށް ފައިސާ މި ނަގަނީ،" ނާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެކަމުގެ ސަބަބުން ކެފޭ ރެސްޓޯރެންޓް ހިންގާ ފަރާތްތަކާއި ގެސްޓް ހައުސް ހިންގާ މީހުންނަށްވެސް ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ބަލައިގަނެފައިވަނީ، ޖަލްސާގައި ތިއްބެވި 86 މެންބަރުންގެ ތެރެއިން 83 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު