މިއަންނަ ޖޫން މަހުގެ 14 ވަނަ ދުވަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ހުރިހާ މެޗުތަކެއް ޕީއެސްއެމްއިން ވަގުތުން ދައްކާނެ ކަމަށް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމުން މިއަދު ބޭއްވި މީޑިއާ ބްރީފިންއެއްގައި ޒީނާ ވިދާޅުވީ ޔޫރޯގެ ބްރޯޑްކާސްޓިން ރައިޓްސް ޕީއެސްއެމުން ހޯދައިފައިވާ ކަމަށެވެ. އެހެންކަމުން ޔޫރޯ ފުޓުބޯޅަ މުބާރާތް ދެއްކުމުގެ ހުއްދަ ލިބިފައިވާ ހަމައެކަނި ދިވެހި ކުންފުންޏަކީ ޕީއެސްއެމް ކަމަށް ޒީނާ ވިދާޅުވިއެވެ.

"ޔޫރޯ ދެއްކުމަށް ރައިޓްސް އޮތް ހަމައެކަނި ދިވެހި ފަރާތަކީ ޕީއެސްއެމް. ޕީއެސްއެމްގެ ޓީވީއެމް އަދި ޔޭސްޓީވީން ގެނެސްދޭނަން އިރާދަ ކުރެއްވިއްޔާ،" ޒީނާ ވިދާޅުވިއެވެ.

ޒީނާ ވިދާޅުވީ ޓީވީއެމް އަދި ޔޭސް ޓީވީން ހުރިހާ މެޗުތަކެއް ވަގުތުން އަލްޓްރާ އެޗްޑީކޮށް ދައްކާނެ ކަމަށާއި މެޗުތައް ބެލުމަށް ބެލުންތެރިން އިތުރު އަގެއް ދައްކަން ނުޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ޒީނާ ވިދާޅުވީ 2021 ވަނަ އަހަރު ބޭއްވި "ޔޫރޯ 2020" މެޗުތައް ޕީއެސްއެމުން ނުދެއްކުމުން އާންމުންގެ ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ. އެ ފަހަރު މެޗުތައް ނުދެއްކުނީ މި ސަރަހައްދަށް ޔޫރޯ ފުޓްބޯޅަ މުބާރާތް ދައްކާ ސޮނީ ކުންފުންޏަށް ދައްކަން ޖެހިފައި ހުރި ދަރަނިތައް ނުދައްކާ ހުރުމުން ކަމަށް ޒީނާ ވިދާޅުވިއެވެ.

މިއަހަރުގެ ޔޫރޯގެ ބްރޯޑްކާސްޓިން ރައިޓްސް ޕީއެސްއެމުން ހޯދީ އެ ދަރަނި ދެއްކުމުގެ ޕްލޭނެއް ހެދުމަށް ފަހު ކަމަށް ޒީނާ ވިދާޅުވިއެވެ.