ފަލަސްތީނަށް އިޒްރޭލުގެ ޔަހޫދީ ސިފައިން ދެމުންދާ ހަމަލާތަކުން އެ ގައުމުގެ ރައްޔިތުން ރައްކާތެރިކަން ދެއްވުން އެދި މިއަދުން ފެށިގެން އަލުނ ގުނޫތު ނާޒިލާ ކިޔަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޒަޔަނިސްޓް ޔަހޫދީންގެ ފަރާތުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން މިދިޔަ އަހަރުގެ އޮކްޓޯބަރު 18 އިން ފެށިގެން ފަރުޟު ފަސްނަމާދުގައި ގުނޫތު ނާޒިލާ ކިޔަމުންދިޔައެވެ. އަދި އެ ފަހުން ޑިސެމްބަރު މަހު އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި އެކަނި ގުނޫތު ކިޔާ ގޮތަށް ނިންމިއެވެ. ނަމަވެސް މި ސަރުކާރުން ވަނީ ފެބްރުއަރީ ހަތަރަކުން ފެށިގެން ގުނޫތު ނާތިލާ ކިޔުން ވަގުތީ ގޮތުން ހުއްޓާލައިފައެވެ.

ޝަހީމްގެ ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓެއްގައި ވިދާޅުވީ މުސްލިމުންނަކީ އެއް ހަށިގަނޑެއް ކަމަށާއި އިސްލާމީ އުންމަތަށް ދިމާވެފައިވާ ހިތްދަތި މި ވަގުތަކީ އިހުލާސްތެރިކަމާއެކު ދުއާކުރަންވީ ވަގުތު ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން މަގުރިބު ނަމާދާއި ފަތިސް ނަމާދުގައި ގުނޫތު ނާޒިލާ ކިއުމަށް ނިންމައި، އިމާމުންނަށް އެގޮތަށް އަންގާނެ ކަމަށް ވިދާޅުވިއެވެ.

ގުނޫތު ނާޒިލާއަކީ ބޮޑު ކާރިސާއެއް ކުރިމަތިވުމުން ނަމާދުގެ ފަހު ރަކުއަތުގައި ކިޔާ ހާއްސަ ގުނޫތެކެވެ.

ސަރުކާރުން ގުނޫތު ނާޒިލާ ކިޔަން އަލުން ފަށާފައި މިވަނީ ފަލަސްތީނުގެ ގާޒާގެ ދެކުނުގައި އޮންނަ ރަފާއަށް އިޒްރޭލުން ނުރައްކާތެރި ހަމަލާތަކެއް ދޭން ފަށާފައިވާ ވަގުތެއްގައެވެ.