ރައްޔިތުންގެ މަޖިލީހުގައި ކުރާ ބަހުސްތަކާއި ދައްކާ ވާހަކަތައް އަދި ކުރާ މަސައްކަތްތަކުގައި ތަފާތު ހިޔާލުތަކަށާއި ތަފާތު ވިސްނުންތަކާއި ތަފާތު ނަޒަރިއްޔާތުތަކަށް ފުރުސަތު އޮންނަންވާނެ ކަމަށާއި އެކަންކަން ކުރަންވާނީ މަޖިލީހުގެ ކަރާމާތާއި ގަދަރަށް އުނިކަން ނާންނަ ފަދަ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބުދުއްރަހީމް ވިދާޅުވެއްޖެއެވެ.
އަބުދުއްރަހީމް މިހެން ވިދާޅުވީ މަޖިލީހުގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ވާހަކަ ދައްކަވަމުންނެވެ.
އަބުދުއްރަހީމް ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ކުރަންވާނީ ހަމަތަކާއި ސުލޫކީ މިންގަނޑުތަކުގެ ތެރޭގައި ކަމަށެވެ.
"ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އަޅުގަނޑުމެންގެ ނަޒަރު ހުއްޓިގެންދާ އިރު މަޖިލީހުގެ އެތެރޭގެ މާހައުލު މަޖިލީހުގެ މަސައްކަތާއި މުވައްފަޒުންނާއި އިދާރީ ހިދުމަތްތައް ރަނގަޅު ކުރަން ވެސް އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނެ،" އަބުދުއްރަހީމް ވިދާޅުވިއެވެ.
އަބުދުއްރަހީމް އިތުރަށް ވިދާޅުވީ ޑިމޮކްރެސީގެ ހަމަތަކާއި ރައްޔިތުގެ ހިޔާލަށް މަރުހަބާ ކިޔާނެ ކަމަށެވެ. މަޖިލީހަށް މައްސަލަ ހުށައެޅޭ ހިސާބުން އެ މައްސަލައެއް ނުވަތަ އެ ބިލުގެ ކަންކަން ނިމެންދެން ދިމާވާ މައްސަލަތައް ބަލައި ދިރާސާކޮށް ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި މަޖިލީހާއި ބޭރުގެ މަޖިލިސްތަކާއި ޖަމިއްޔާތަކާއި އޮތް ގުޅުން ރަނގަޅުކޮށް އާލާކުރަން ވަގުތު ދޭން ވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"މިހުރިހާ ކަމެއްގައި ވެސް އަޅުގަނޑުގެ ފުރިހަމަ ހިއްސާ އާއި ސަމާލުކަމާއި ވަގުތު މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށާއި މުވައްޒަފުންނަށް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" އަބުދުއްރަހީމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު