މިއަދު ފެށި ވިހި ވަނަ ރައްޔިތުންގެ މަޖިލީހަކީ ނަމޫނާ މަޖިލީހަކަށް ވާނެ ކަމަށާއި މަޖިލީހުގެ ތެރެއިން ސަރުކާރުން ބޭނުންވާ ސްޕީޑުގައި ކަންކަން ކޮށްދޭނެ ކަމަށް މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބުދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
މަަޖިލީހުގެ ސުޕަ މެޖޯރިޓީއެއް އޮތް ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބުދުއްރަހީމް ވިދާޅުވީ، މަޖިލީހުގެ ސުޕަ މެޖޯރިޓީއެއް ސަރުކާރު ހިންގާ ޕީއެންސީއަށް ރައްޔިތުން ދިނުމުން ސާފުވަނީ ރައީސް މުއިއްޒުގެ ސިޔާސަތުތައް ރައްޔިތުން ބަލައިގަނެފައިވާ ކަމަށެވެ.
އަބުދުއްރަހީމް ވިދާޅުވީ، 20 ވަނަ މަޖިލީހުގެ ޕީއެންސީގެ މެންބަރުން މަސައްކަތް ކުރައްވާނީ ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންގެ ކަންކަމަށް އިސްކަން ދެއްވައިގެން ކަމަށެވެ.
"އިރާދަކުރެއްވިއްޔާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ މެންބަރުން މަސައްކަތް ކުރައްވާނީ ތިޔަ ބޭފުޅުން ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ގޮތަށޭ. ރައްޔިތުންގެ ކަންކަމަށް އިސްކަންދީގެން މި މަޖިލީހުގައި އަޅުގަނޑުމެން މަސައްކަތް ކުރާނީ. އިރާދަކުރެއްވިއްޔާ 20 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ނަމޫނާ މަޖިލީހަކަށޭ،" އަބުދުއްރަހީމް ވިދާޅުވިއެވެ.
އަބުދުއްރަހީމް އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް އެއްބާރުލުން ދޭނެ ކަމަށާއި ސަރުކާރުން ބޭނުންވާ ސްޕީޑުގައި މަޖިލީހުގެ ތެރެއިން ކަންކަން ކޮށްދޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު