މިއަދު މަސައްކަތް ފެށި 20 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މަސައްކަތްޕުޅާ ފިޔަވަޅު ހަމަކުރާ މަޖިލީހަކަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސްގެ ގޮތުގައި ފުރަތަމަ ފަހަރަށް މަޖިލީހުގެ ރިޔާސަތަށް ވަޑައިގެންނެވުމަށްފަހު އަބްދުއްރަހީމް ވިދާޅުވީ، މި ދަނޑިވަޅަކީ ގައުމެއްގެ ގޮތުގައި މުހިންމު ނިންމުންތަކެއް ނިންމަން ޖެހިފައިވާ ދަނޑިވަޅެއް ކަމަށެވެ.
"އިގުތިސާދު ފުޅާކުރުން އާ މަސައްކަތްތަކާއި ފަންނުތަކާއި ވިޔަފާރިތައް އުފަންކުރުން ފައިސާއާއި މާލީ ފުދުންތެރިކަން އިތުރު ކުރެވޭނެ ގޮތްތައް ހޯދުން، އުމްރާނީ ތަރައްގީގެ އާ ހަރުފަތްތަކެއް ރާއްޖެއަށް ތައާރަފު ކުރަމުން ގެންދިއުން، ވީދެމުންދާ ދިވެހިންގެ އިޖުތިމާއީ ފޭރާން އަލުން ވިޔެ އާކުރުން، މަސްތުވާތަކެތީގެ ވަބާއާ ވަރުގަދަ ހަނގުރާމައެއް ކުރުން ނުގަވާއިދުން ބިދޭސީން ރާއްޖެއަށް ވަންނަ ދޮރުތައް ބަންދުކުރުން، ގާނޫނުގެ ވެރިކަން ނެހެއްޓުން، ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުން، މަޖިލީހުގެ އަބުރާއި ކަރާމާތް ހިފެހެއްޓުން. މިއީ ކުރިއަށް އޮތް ދުވަސްތަކުގައި މަޖިލިސް ތެރޭގައި މަޝްވަރާކޮށް ބަހުސްކޮށް ސަރުކާރާއެކު މަސައްކަތްކޮށް ގޮތް ނިންމަންޖެހޭ ކަންކަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، މަޖިލީހުގެ މަސައްކަތްތަކުގެ ތެރޭގައި އާ ގާނޫނުތައް ތައާރަފުކޮށް މިހާރު ހުރި ގާނޫނުތައް އަލުން ބަލައި، އިސްލާހުކޮށް ވަގުތާ ފައިހަމަ ނުވާ ގާނޫނުތައް އުވާލަންޖެހޭ ކަމަށެވެ. އަދި މިހާރު އަމަލު ކުރަމުންދާ ގަވާއިދުތައްވެސް ގާތުން ބަލައި، އެއީ ގާނޫނުން ބާރު ލިބިގެން ގާނޫނީ ދާއިރާގެ ތެރެއިން ހަދައިގެން ހިންގާ ގަވާއިދުތަކެއްކަން ކަށަވަރުކޮށް، ގާނޫނުން ބޭރުން ހުރި ގަވާއިދުތައް ގާނޫނުގެ ތެރެއަށް ވެއްދުން ނުވަތަ ދޫކޮށްލަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
"މަޖިލީހުގައި ދެކެވޭ ވާހަކަތަކާއި ކުރެވޭ ބަހުސްތަކާއި ހިނގާ މަސައްކަތުގައި ތަފާތު ހިޔާލުތަކަށާއި ތަފާތު ވިސްނުންތަކަށާއި ތަފާތު ނަޒަރިއްޔާތުތަކަށް ފުރުސަތު ލިބެންވާނެ، އެކަމަށް ޖާގަ އޮންނަންވާނެ، ނަމަވެސް އެ ކަންކަން ހިނގަންވާނީ މަޖިލީހުގެ ކަރާމާތާއި ގަދަރު ހިފެހެއްޓޭ ގޮތަށް، މަޖިލީހުގެ ހަމަތަކާއި ސުލޫކީ މިންގަނޑުގެ ތެރެއިން މަޖިލީހުގެ މަސައްކަތްތަަކާމެދު ދިވެހިން ފަހުރުވެރިވާނެ ގޮތަކަށް، މި މަޖިލީހަށް ދިވެހިންގެ ހިތްތަކުގައި އޮތް ގަދަރާއި މަގާމު އުފުލޭފަދަ ގޮތަކަށް. ދާއިރާގެ ރައްޔިތުން ހިތާ ރޫހުން މަސައްކަތް ބަލައިގަންނާނެ ގޮތަކަށް،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، އުއްމީދު ކުރައްވަނީ މިފެށޭ ފަސް އަހަރުގެ ދައުރުގައި ގައުމަށް ފާގަތިކަމާއި ކުރިއެރުމާއި ހަމަޖެހުން ލިބޭނެ، އަދި ރައްޔިތުން އުފާވެ ފަހުރުވެރިވާ މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު