ފަރެސްމާތޮޑާ އެއާޕޯޓްގައި ޓޫރިޒަމް ޒޯނެއް ތަރައްގީކުރުމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕަނީ ލިމިޓެޑް (އާރްއޭސީއެލް) އާއި ސިލްވާ ލޭންޑް ހޮޓެލްސްއާ ދެމެދު އިންވެސްޓްމަންޓް އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
އާރްއޭސީއެލް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެމްއޯޔޫގައި އާރްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީންއެވެ. ސިލްވާ ލޭންޑް ހޮޓެލްސްގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކުޓް މެނޭޖުމަންޓް ހެޑް އިބްރާހިމް މުހަންމަދުއެވެ.
އާރްއޭސީއެލުން މިއަދު މީޑިއާތަކަށް ބުނީ އެމްއޯޔޫގެ ދަށުން ފަރެސްމާތޮޑާ އެއާޕޯޓާ އިންވެގެން އޮތް ހުސްބިމުގައި 100 ޓުއަރިސްޓް ކޮޓަރީގެ ސިޓީ ހޮޓަލެއް ހަދާނެ ކަމަށެވެ. އަދި އެ ސިޓީ ހޮޓަލްގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔަތުންނަށް 200 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް އާރްއޭސީއެލުން ބުންޏެވެ.
މީގެ އިތުރުން އެ ސަރަހައްދުގައި ވިޔަފާރި ކުރަމުންދާ ފަރާތްތަކަށް ފަހި ފުރުސަތު ތަކެއް ހުޅުވިގެންދާނެ ކަމަށް ވެސް އާރްއޭސީއެލުން ބުންޏެވެ.
އެއީ ޖުމްލަ 20 މިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށް ސިލްވާ ލޭންޑް ހޮޓަލްސްއިން މައުލޫމާތު ދީފައިވާ ކަމަށް އާރްއޭސީއެލުން ބުންޏެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުބީން ވިދާޅުވީ އެމްއޯޔޫގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ކުރުމައްޓަކައި ސަރުކާރުގެ ކަމާގުޅުން ހުރި ފަރާތްތަކުން ލިބެންޖެހޭ އެއްބާރުލުން ލިބެމުންދާ ކަމުގައިވާ ނަމަ، ތިން މަސް ދުވަސް ތެރޭގައި އެއްބަސްވުމަކާ ހަމަޔަށް ދެވި މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
މުބީން ވިދާޅުވީ އެއާޕޯޓްތަކުގައި ހުރި ހުސްބިންތަކުގައި އެފަދަ ސިޓީހޮޓަލްތައް ހަދައި ރައްޔަތުންނަށް އިގުތިސޯދީ އިތުރު ފުރުސަތުތައް ހޯދައިދިނުމަކީ އާރްއޭސީއެލްގެ އަމާޒު ކަމަށެވެ. އެހެންކަމުން އެއާޕޯޓްތަކުގައި ހުރި ހުސްބިންތަކުގެ ލޭންޑް ރެޖިސްޓްރޭޝަންގެ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތްތައް ކައުންސިލްތަކާއި ސަރުކާރުގެ ކަމާގުޅުން ހުރި ފަރާތްތަކާ އެކު ގުޅިގެން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އާރްއޭސީއެލުން ދަނީ ހަތް އެއާޕޯޓެއް އޮޕަރޭޓް ކުރަމުންނެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި