ފިޝަރީޒް ކޮލެޖުގެ ކިޔެވުން އަންނަ އޮގަސްޓު މަހު ފަށާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ، މަސްވެރިކަމާ ގުޅޭ ތަމުރީނު ދޭނެ އިންސްޓިޓިއުޓެއް ގާއިމުކުރުމަކީ މަސްވެރިކަމުގެ ގާނޫނުން ލާޒިމުކުރާ ކަމެއް ކަމަށެވެ. އެގޮތުން މަސްވެރިކަމުގެ ޕްރޮގުރާމުތަކެއް ފެށުމަށް ގައުމީ ޔުނިވާސިޓީ އާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް، ފިޝަރީޒް ކޮލެޖުގެ ކިޔެވުން މި އަހަރު ފެށޭނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އުންމީދު މި ކުރަނީ އަދި ޔަގީންކުރަނީ އޮގަސްޓު މަސް ތެރޭގައި އިރާދަކުރެއްވިއްޔާ ފިޝަރީޒް ކޮލެޖުގެ ޕްރޮގްރާމް ތަކާއެކު މަސައްކަތްތައް ފެށޭނެ ކަމަށް،" ޝިޔާމް ވިދާޅުވިއެވެ.

ފިޝަރީޒް ކޮލެޖު ގާއިމުކުރުމުގެ އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީއާއި ގައުމީ ޔުނިވާސިޓީ އާދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ ޑިސެމްބަރު 27 ގައެވެ. އެ ކޮލެޖުގައި ކިޔަވައިދޭނެ ކޯސްތައް ފަރުމާކޮށްފައި ވަނީ ފިޝަރީޒް މިނިސްޓްރީންނެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވެފައިވާ ގޮތުގައި އެ ކޮލެޖުން ފަރުމާކުރާ ޕްރޮގުރާމުތަކަކީ ރާއްޖޭގެ މަސްވެރިކަމަށް ނަފާ އިތުރުކޮށްދޭނެ ޕްރޮގުރާމުތަކަކަށް ވާނެއެވެ. އަދި އުންމީދަކީ ޕީއެޗްޑީއާ ހަމައަށް ތައުލީމު ހާސިލުކުރެވޭނެ ގޮތް ވެގެން ދިއުން ކަމަށްވެސް ވިދާޅުވިއެވެ.