މި ސަރުކާރުން މަސްވެރިންނަށް 881 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި މިނިސްޓަރު ވިދާޅުވީ ނޮވެމްބަރު 17 އިން ފެށިގެން މިދިޔަ އޭޕްރީލް 22 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް 881 މިލިއަން ރުފިޔާ ދީފައިވާނެ ކަމަށެވެ. އަދި މަސްވެރިންނަށް ނުދެވި 61 މިލިއަން ރުފިޔާ އެބަ އޮތް ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިފްކޯ އިން ކުރާ ހަރަދުތައް ކުޑަކޮށްގެން ނޫނީ މަސްވެރިންނަށް ފައިސާ ދޭން ދަތިވާނެ ކަމަށެވެ.

އެހެންވެ މިފްކޯ އިން ތެލަށް ކުރާ ހަރަދުތައް ކުޑަކޮށް އިޔާދަކުރަނިވި ހަކަތައާ ދިމާލަށް އަމާޒު ހިފާފައިވާ ކަމަށް ވިދާޅުވިއެވެ.

ރ. ދުވާފަރު ރައްޔިތުންނާ ބައްދަލުކުރައްވާ މިދިޔަ މާޗް މަހުގެ ތިންވަނަ ދުވަހު ރައީސް ޑރ. މުއިއްޒު ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދިނުމަށްފަހު ނުވަތަ "ބެކް ލޮގް" ސާފުކުރުމަށްފަހު މަސްވެރިންނަށް ދޭންވާ ފައިސާ އެއްވެސް ވަރަކަށް ފަހަށް ނުބަހައްޓައި، 48 ގަޑިއިރު ތެރޭގައި ދެމުން ގެންދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.