އަންނަ ޖުލައި މަހުތެރޭގައި ރާއްޖޭގައި ހުޅުވުމަށް ހަމަޖެހިފައިވާ ޑިވެލޮޕްމެންޓް ބޭންކްގެ ސީއީއޯ އަކަށް ބޭރުގެ ތަޖުރިބާކާރު ބޭފުޅަކު ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށްޓަކައި މިއދު ބޭއްވި ނިއުސްކޮންފަރެންސްގައި މިނިސްޓަރު ސައީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ، ރާއްޖޭގައި ގާއިމްކުރާ ޑިވެލޮޕްމަންޓް ބޭންކަކީ އޭޝިޔާ ސަރަހައްދުގައި ހުރި އިތުބާރު ލިބިފައިވާ ބޭންކެއްގެ ގޮތުގައި ހަމަޖެހިގެން ދިއުން ކަމަށެވެ.

އެހެންކަމުން ޑިވެލޮޕްމެންޓް ބޭންކްގެ ސީއީއޯ އަކަށް ބޭރުގެ ތަޖުރިބާކާރަކު ހޯދުމުގެ މަސައްކަތަކީ ރާއްޖޭގައި އެކަމަށް ހުރި ފަންނީ ގާބިލް ކަމާއެކު ބައިނަލްއަގުވާމީ ގޮތުން އިތުރު މުއްސަނދި ވިސްނުމެއް ގެނައުމަށްޓަކައި ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއް ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތް މިކުރަނީ ހަމަ ދުނިޔޭގެ އެންމެ ފެންވަރު ރަނަގަޅު އެއް ޗީފް އެގްޒެކްޓިވް އޮފިސަރު ނުވަތަ އެފަންނުގެ ބޭފުޅުން ގެނައުމަށް، އެ މަސައްއްކަތް އެބަދޭ ބާރަށް، ބޭރުގެ ސީއީއޯއެއް ހޯދުމުގެ މަސައްކަތް އެބަގެންދަން،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.