ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލާސްކަންފުޅާ އުޅުއްވާތީ، އެ މަނިކުފާނަށް އަވަސް ޝިފާއަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސައުދީ ރަސްގެފާނުގެ ސިއްހީ ހާލުކޮޅާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އެ މަނިކުފާނާއި ދިވެހި ރައްޔިތުންގެ ނަމުގައި ރަސްގެފާނަށް އަވަސް ޝިފާއެއް ލިބުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ސައުދީ ރަސްގެފާނަށް ދުޅަހެޔޮ ސިއްހަތާއި ދިގު އުމުރެއް މިންވަރު ކުރެއްވުމަށް އެދި ދުއާ ކުރައްވާފައިވެއެވެ.

ސައުދީ ރަސްގެފާނުގެ ފުއްޕާމޭގެ އާލާސްކަންފުޅެއް އުޅުއްވާތީ، އަލްސަލާމް ގަނޑުވަރުގައި އެ މަނިކުފާނަށް ގެންދަވަނީ ހާއްސަ ޑޮކްޓަރުންގެ ޓީމަކުން ފަރުވާ ދެއްވަމުންނެވެ.

މިހާރު އުމުރުފުޅުން 88 އަހަރުގެ ރަސްގެފާނު ސަލްމާން ސައުދީގެ ރަސްކަމާ ހަވާލުވެވަޑައިގެންނެވީ 2015 ވަނަ އަހަރު އޭރުގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒް އަވަހާރަވުމާ އެކުއެވެ.