ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރަމުން ދިޔަ މައްސަލައިގައި ދައުވާ ކޮށްފައިވާ ހުސެއިން ޝިފާއުއަށް ސިޔާސީ މަގާމެއް ދީފިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އޭނާ އައްޔަން ކޮށްފައި ވަނީ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށެވެ.

"ކިންގްޑަމް އޮފް ފުރުޓްސް" ކިޔާ އަމިއްލަ މީހެއްގެ ވިޔަފާރިއެއް މެދުވެރިކޮށް، ރާއްޖެއަށް މޭވާއި ތަރުކާރީ އެތެރެކުރި މައްސަލައިގައި ފުލުހުން ޝިފާއު ހައްޔަރުކުރީ މިދިޔަ މާޗު މަހުގެ 28 ވަނަ ދުވަހުއެވެ. އޭނާގެ ބަންދަށް ފުރަތަމަ ޖެހީ 30 ދުވަހެވެ. ނަމަވެސް ދެވަނަ ފަހަރަށް ބަންދާމެދު ގޮތެއް ނިންމުމަށް މިދިޔަ އަހަރުގެ މެއި 27 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ ބަންދުން ދޫކޮށްލިއެވެ. އެ މައްސަލަ އިސްތިއުނާފް އިސްތިއުނާފް ކުރިއިރު އޭނާ ވަނީ ރާއްޖެ އިން ބޭރަށް ފުރައިފިއެވެ.

އެ މައްސަލާގައި ފުލުހުންގެ އޭނާ ހޯދަން އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރުމުން ޝިފާއު އަމިއްލަ އަށް ރާއްޖެ އައުމުން އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ފަހު ވަނީ ޝަރުތުތަކާއެކު ދޫކޮށްލާފައެވެ.

އެގްރިލަކްޗާ މިނިސްޓްރީގެ އެސްޕީޑީކަން ޝިފާއުއަށް ދިން އިރު، އޭނާގެ މައްޗަށް ދައުވާ އުފުލައި ޕްރޮސިކިއުޓާ ޖެނެރަލް އިން ކުރިމިނަލް ކޯޓަށް ހުށަހެޅި އެއްވެސް މައްސަލައެއް އަނބުރާ ގެނެސްފައެއް ނުވެއެވެ.

އުފުލި ދައުވާތަކުގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދައުވާއަކާއި ގާނޫނުލްއުގޫބާތުގެ ދަށުން މަކަރާއި ހިލާތް ހެދުމުގެ ހަތް ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ހަތް ދައުވާއެކެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި ޝިފާއު އެ ކުށް ހިންގާފައިވަނީ އިތުރު މީހަކާ ބައިވެރިވެގެން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ކަމަށްވާ "ކިންގްޑަމް އޮފް ފްރުޓްސް" މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކުން މުދާ ރާއްޖެ އެތެރެކޮށް އެ މުދަލަށް އެ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާގެ ސައްހަ ނޫން ލިޔުން އުފައްދައި ހުށަހަޅައިގެންނެވެ. އެގޮތުން މި މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދު 123،844.54 އެމެރިކާ ޑޮލަރު (1.9 މިލިއަން ދިވެހި ރުފިޔާ) އަށް އަރާ ކަމަށްވެސް އެ އޮފީހުން ބުނެއެވެ.