ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާފައިވާ، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރުގެ މަގާމަށް އިނގުރައިދޫ ދާއިރާގެ އިންތިހާބީ މެންބަރު އިބްރާހީމް ފަލާހު އަދި ސީނިއާ ޑެޕިއުޓީ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރުގެ މަގާމަށް ބާރަށު ދާއިރާގެ އިންތިހާބީ މެންބަރު އިބްރާހީމް ޝުޖާއުގެ ނަން ޕީއެންސީގެ ރައީސް/ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހުށަހަޅުއްވައިފިއެވެ.

ރައީސް މުއިއްޒު އެ ދެ ބޭފުޅުންގެ ނަން ހުށަހެޅުއްވީ ޕީއެންސީގެ އިންތިހާބީ މެންބަރުންނާއެކު މުލިއާގޭގައި މިއަދު ބޭއްވި ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ކެބިނެޓް ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ އެ ބައްދަލުވުމުގައި ޕީއެންސީގެ ޕީޖީ ލީޑަރުގެ މަގާމަށް ފަލާހު އަދި ސީނިއާ ޑެޕިއުޓީ ޕީޖީގެ މަގާމަށް ޝުޖާއުގެ އިތުރުން ޑެޕިއުޓީ ޕީޖީ ލީޑަރުންގެ ގޮތުގައި ތިން ބޭފުޅެއްގެ ނަން ހުށަހެޅުއްވި ކަމަށެވެ. އެ ތިން ބޭފުޅުންނަކީ:

  • މަހިބަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ތޯރިގު (ޓޮމް)
  • ހުޅުދޫ ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު ޝާހިދު (ޝާޑް)
  • ވިލިމާލެ ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު އިސްމާއީލް

މިއަދުގެ ބައްދަލުވުމުގައި ރައީސް ވަނީ ވިހިވަނަ މަޖިލީހުގެ ރައީސް ކަމަށް އެ މަނިކުފާނުގެ ހާއްސަ އެޑްވައިޒަރު، މަޖިލީހުގެ ފޮނަދޫ ދާއިރާގެ އިންތިހާބު މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެންބަރު އަހްމަދު ނާޒިމްގެ ނަންވެސް ހުށަހަޅުއްވައިފައެވެ.

ވިހިވަނަ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި މެންބަރުން ހުވާކުރެއްވުން އޮންނާނީ އަންނަ ހޯމަ ދުވަހުއެވެ. އެ ޖަލްސާގައި މަޖިލީހުގެ ރައީސްއާއި ނައިބު ރައީސްގެ މަގާމަށް ބޭފުޅުން އިންތިހާބުކުރާނެއެވެ. އެ މަގާމަށް ބޭފުޅުން އިންތިހާބު ކުރާނީ މަޖިލީހުގެ ހުރިހާ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.