ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ޕީއެންސީގެ ޗެއާޕާސަން އަދި ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުﷲ އަބްދުއްރަހީމް އަދި މަޖިލީހުގެ ނައިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ނާޒިމުގެ ނަން ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވައިފިއެވެ.

ރައީސް މުއިއްޒު އެ ދެ ބޭފުޅުންގެ ނަން ހުށަހެޅުއްވީ ޕީއެންސީގެ އިންތިހާބީ މެންބަރުންނާއެކު މުލިއާގޭގައި މިއަދު ބޭއްވި ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ކެބިނެޓް ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް މުއިއްޒުގެ ހާއްސަ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމަކީ ޕީޕީއެމް/ ޕީއެންސީ ގުޅިގެން އުފައްދާފައިވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކުރީގެ ލީޑަރު، ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމުން ވަގުތީ ގޮތުން އެ ކޯލިޝަނާ ހަވާލުވެވަޑައިގެން މިދިޔަ ފަސް އަހަރު ތެރޭ ކޯލިޝަން ހިންގެވުމުގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅާއެވެ.

ސިޔާސީ ދާއިރާގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ނާޒިމަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސެވެ.

މިއަދުގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ޕީއެންސީގެ ޕީޖީ ލީޑަރުގެ މަގާމަށް ފަލާހު އަދި ސީނިއާ ޑެޕިއުޓީ ޕީޖީގެ މަގާމަށް ޝުޖާއުގެ އިތުރުން ޑެޕިއުޓީ ޕީޖީ ލީޑަރުންގެ ގޮތުގައި ތިން ބޭފުޅެއްގެ ނަންވެސް ހުށަހަޅުއްވައިފައެވެ.

އެގޮތުން ޑެޕިއުޓީ ޕީޖީ ލީޑަރުންގެ ގޮތުގައި ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ތޯރިގު (ޓޮމް)، ހުޅުދޫ ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު ޝާހިދު (ޝާޑް) އަދި ވިލިމާލެ ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު އިސްމާއީލްގެ ނަމެވެ.

މިއަދުގެ ބައްދަލުވުމުގައި ރައީސް ވަނީ ވިހިވަނަ މަޖިލީހުގެ ރައީސް ކަމަށް އެ މަނިކުފާނުގެ ހާއްސަ އެޑްވައިޒަރު، މަޖިލީހުގެ ފޮނަދޫ ދާއިރާގެ އިންތިހާބު މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެންބަރު އަހްމަދު ނާޒިމްގެ ނަންވެސް ހުށަހަޅުއްވައިފައެވެ.