ނިމިދިޔަ މަޖިލިސް އިންތިހާބުގައި ވާދަކުރި ކެނޑިޑޭޓުންގެ ތެރެއިން އިއްޔެގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނަށް މާލީ ބަޔާން ހުށަހެޅީ 91 ކެނޑިޑޭޓުން ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އީސީގެ ކޮމިޝަން މެންބަރު އަދި ތަރުޖަމާނު ހަސަން ޒަކަރިއްޔާ މިއަދު "ވަން" އަށް ވިދާޅުވީ މިދިޔަ މަހުގެ 19 ގައި ބޭއްވި މަޖިލިސް އިންތިހާބުގައި ޖުމްލަ 368 ކެންޑިޑޭޓުން ވާދަ ކުރެއްވި ކަމަށާއި އޭގެ ތެރެއިން އިއްޔެގެ ނިޔަލަށް މާލީ ބަޔާން ހުށަހެޅީ 91 ކެންޑިޑޭޓުން ކަމަށެވެ.

"މިއަދާއި މާދަމާ އަދި އޮންނާނެ. ފޮނުވާ އެއްޗެއް އީސީ އަށް ފޮނުވިދާނެ. އެކަމަކު އެޔަށް ގޮތެއް ކަނޑައަޅާ ކޮމިޝަނުން،" ޒަކަރިއްޔާ ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބުގައި ވާދަ ކުރި ހުރިހާ ކެންޑިޑޭޓުން ވެސް މާލީ ބަޔާން ހުށަހެޅުމަކީ ލާޒިމު ކަމެކެވެ.

އީސީން މާލީ ބަޔާން ހުށަހަޅަން ދިން މުއްދަތުގެ ތެރޭގައި ހުށަނާޅާ ކެންޑިޑޭޓުންނަށް ފިޔަވަޅު އަޅާނެއެވެ. މާލީ ބަޔާން ހުށަނާޅައިފި ނަމަ ނުވަތަ މާލީ ބަޔާނުގައި ދޮގު މައުލޫމާތެއް ދީފި ނަމަ، އެ ކެންޑިޑޭޓެއްގެ އަދަބަކީ، އެއް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން ނުވަތަ 72،000 ރުފިޔާ އިން ޖޫރިމަނާކުރުމެވެ.

ވިހި ވަނަ މަޖިލީހަށް ހޮވުނު މެންބަރުން ހުވާކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 28 ގައެވެ.