އީރާނުގެ ޕްރޮވިންސެއްކަމުގައިވާ އީސްޓް އަޒަބައިޖާނުގައި ހޯމަދުވަހު ހިނގި ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާއެއްގައި އެގައުމުގެ ރައީސް އިބްރާހިމް ރައީސުއް ސާދާތީ ވަނީ އަވަހާރަވެފައެވެ. އާއްމު ނަންފުޅަކީ އިބްރާހިމް ރައީސީއެވެ. އޭނާ އަވަހާރަމިވީ ރިޔާސީ ދައުރުގެ ބާކީ އެއްއަހަރާއި ދެތިންމަސް އޮއްވައެވެ. އޭނާ ރިޔާސަތަށް ވަޑައިގެންނެވީ 2021 ވަނަ އަހަރު ބޭއްވުނު އިންތިޚާބަށްފަހުގައެވެ. އީރާނުގައި ރިޔާސީ ދައުރެއްގެ ދިގުމިނަކީ ހަތަރު އަހަރެވެ. މީގެ 44 އަހަރު ކުރިން އީރާނަށް ގެނެވުނު އިސްލާމީ އިންގިލާބަށްފަހު އިބްރާހިމް ރައީސީއަކީ އެގައުމުގެ 8 ވަނަ ރައީސެވެ. މަގާމުގައި ހުންނަވަނިކޮށް އަވަހާރަވި ނުވަތަ އަވަހާރަކޮށްލެވުނު ދެވަނަ ރައީސެވެ. އައު ރައީސަކު ހޮވުމަށްޓަކައި ރިޔާސީ އައު އިންތިޚާބެއް ބާއްވާނީ ކުރިއަށްއޮތް ފަންސާސް ދުވަހުގެ ތެރޭގައެވެ. އިންތިޚާބު ބޭއްވެންދެން ރިޔާސީ ބާރުތަކާ ހަވާލުވެވަޑައިގެން ވަގުތީގޮތުން ރައީސްކަން ކުރައްވާނީ ރައީސް ރައީސީގެ އެއްވަނަ ނާއިބުރައީސް މުހައްމަދު މުޚްބަރެވެ.
އީރާނުގެ ގާނޫނުއަސާސީގެ 131 ވަނަ މާއްދާގެ ދަށުން ރޫހީ ލީޑަރު އާޔަތު ﷲ އަލީ ޚާމަނާއީ ވަނީ އަންގާރަ ދުވަހު މުހައްމަދު މުޚްބަރު ވަގުތީ ރައީސަކަށް އައްޔަން ކުރައްވައިފައެވެ. އޭނާއަކީ އިންތިޚާބުވެ ވަޑައިގެން ހުންނެވި ނާއިބުރައީސެއް ނޫނެވެ. ރައީސް ރައީސީ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު 2021 ވަނަ އަހަރު ނާއިބުރައީސްކަމަށް އައްޔަން ކުރެއްވި ބޭފުޅެކެވެ. ޑރ. މުހައްމަދު މުޚްބަރާ ބެހޭގޮތުން އެނގޭ އެއްޗަކީ އޭނާއަކީ ވަރަށް ގިނަ އަހަރުތަކެއް ވަންދެން ދައުލަތުގެ އެންމެބޮޑު އެއްކުންފުނި ހިންގެވި ވެރިޔާކަމެވެ. ރޫހީ ލީޑަރު އާޔަތު ﷲ ޚާމަނާއީއާ ވަރަށް އަރިސް ބޭފުޅެއްކަމެވެ. އީރާނުގެ އެކި ފަންތީގެ ވެރިންނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަަށް ބަލާއިރު ޑރ މުޚުބަރަކީ އެމެރިކާއިން ބްލެކްލިސްޓް ކޮށްފައި ފަހުން ނަން އުނިކޮށްފައިވާ ބޭފުޅެކެވެ. ކޮންމެއަކަސް ކުރިއަށްެއޮތީ އިންތިޚާބެވެ. މި އިންތިޚާބުން ކުރިހޯއްދަވާނީ ކޮން ބޭފުޅެއްކަން ލަފާކުރަންވެސް ފަސޭހައެއް ނޫނެވެ.
އީރާނުގައި މިހާތަނަށް ރައީސްކަން ކުރެއްވި 8 ބޭފުޅުންގެ ތެރެއިން ތިންބޭފުޅެއް ފިޔަވައި އެހެން ހުރިހާ ބޭފުޅުން ރައީސްކަމުގެ ދެ ދައުރު ފުރިހަމަ ކުރެއްވިއެވެ. އެއީ ގާނޫނުއަސާސީ ހުއްދަކުރާ އެންމެ ދިގު މުއްދަތެވެ. ކުރިން މިދެންނެވި ތިން ބޭފުޅުންގެ ތެރެއިން ދެ ބޭފުޅުން ފުރަތަމަ ދައުރުގެ ތެރޭގައި އަަވަހާރަވީއެވެ. ނުވަތަ އަވަހާރަކޮށްލެވުނީއެވެ. އަނެއްބޭފުޅަކު މަގާމުން ދުރުކުރެވުނީއެވެ. މަގާމުން ދުރުކުރެވުނު ބޭފުޅަކީ އެންމެ ފުރަތަމަ ރައީސް އަބުލްހަސަން ބަނީސަދުރެވެ. މަގާމުން ދުރުކުރުމުގެ ސަބަބަކީ ރޫހީ ލީޑަރު ރޫހު ﷲ ޚުމައިނީގެ ޚާރިޖީ ސިޔާސަތު ތަންފީޒު ނުކުރެއްވުމެވެ. ރައީސްކަމުގައި އޭނާއަށް ހުންނެވުނީ އެއްއަހަރާއި ހަތަރުމަސް ދުވަހުއެވެ. ވެރިކަމުން ދުރުކުރުމުން ފިއްލަވައިގެން ވަޑައިގަތީ ފްރާންސަށެވެ. އަވަހާރަވީވެސް 2021 ވަނަ އަހަރު އެތާގައެވެ. ދައުރެއް ފުރިހަމަ ނުކުރެެއްވުނު އަނެއް ރައީސަކީ އަބުލްހަސަނު ބަނީސަދުރަށްފަހު ދެން ރިޔާސަތަށް އިންތިޚާބު ކުރެވުނު މުހައްމަދު އަލީ ރަޖާއީއެވެ. ގައުމުގެ ދެވަނަ ރައީސެވެ.
އީރާނުގެ ސްޕްރީމް ޑިފެންސް ކައުންސިލްގެ ބައްދަލުވުމެއްގައި ބޮމެއް ގޮއްވާލައިގެން 1981 ވަނަ އަހަރު ރަޖާއީ އަވަހާރަކޮށްލެވުނީއެވެ. މި ބައްދަލުވުމުގެ ތެރޭގައި ގޮއްވައިލި ބޮމަކީ ބްރީފްކޭހެއްގެ ތެރޭގައި ފޮރުވާފައިއޮތް ބޮމެކެވެ. ބައްދަލުވުންއޮތް ކޮޓަރިއަށް ބްރީފްކޭސް ގެނެސް ވެއްދީ ރައީސް ރަޖާއީގެ ރިޔާސީ އެހީތެރިއެކެވެ. ބެހެއްޓީ ރައީސް ރަޖާއީއާ ވަރަށް ކައިރީގައެވެ. މިހާދިސާ ރާވައި ހިންގުމުގައި އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭއާއި އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑާއި އިނގިރޭސިވިލާތުގެ ޖާސޫސީ އިދާރާ ކަމަށްވާ އެމްއައިސިކްސްގެ ބައިވެރިވުން އޮތްކަމަށް ވަރަށް ބޮޑަށް ވަނީ ގަބޫލު ކުރެވިފައެވެ. ކޮންމެއަކަސް އީރާނުގެ ދެވަނަ ރައީސްގެ ގޮތުގައި ރަޖާއީއަށް މަގާމުގައި ހުންނެވުނީ އެންމެ 28 ދުވަހުއެވެ. މުހައްމަދު އަލީ ރަޖާއީ އަވަހާރަކޮށްލުމާ ވިދިގެން ދެން ބޭއްވި އިންތިޚާބަށްފަހު ރިޔާސަތަށް ވަޑައިގެންނެވީ ސައްޔިދު އަލީ ހުސައިނީ ޚާމަނާއީއެވެ. އޭނާ ރިޔާސަތުގެ ދެ ދައުރެެއް ފުރިހަމަ ކުރެއްވިއެވެ.
ޚާމަނާއީގެ ފަހު ދައުރު 1989 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 16 ވަނަ ދުވަހު ހަމަވުމުގެ ބަރާބަރު 10 ދުވަސްކުރިން އީރާނުގެ ރޫހީ ލީޑަރުގެ މަގާމަށް އޭނާ ވަނީ އައްޔަން ކުރެވިފައެވެ. ރޫހީ ލީޑަރުގެ މަގާމުގައި އަދިވެސް އެހުންނެވީ އޭނާއެވެ. އާޔަތު ﷲ އަލީ ޚާމަނާއީއަކީވެސް އެއީއެވެ. ޚާމަނާއީއަށްފަހު ދެން ރައީސްކަމަށް ވަޑައިގެންނެވި ބޭފުޅުންނަކީ އަކުބަރު ހާޝިމީ ރަފްސަންޖާނީ، މުހައްމަދު ޚާތަމީ، މަހުމޫދު އަހުމަދީ ނިޖާދު، ހަސަން ރޫހާނީ އަދި އިބްރާހިމް ރައީސީއެވެ. ކުރިންވެސް ބަޔާންކުރެވުނު ފަދައިން ރައީސީ ފިޔަވައި އެހެން ބޭފުޅުން ދެ ދައުރު ހަމަކުރެއްވިއެވެ. ރައީސީގެ ހަތަރު އަހަރުގެ ފުރަތަމަ ދައުރުގެ ތެރެއިން ދެއަހަރާއި ނުވަމަސް ފާއިތުވީތަނާ ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާއެއްގައި އޭނާ އިއްޔެ ވަނީ އަވަހާރަވެފައެވެ. އިބްރާހިމް ރައީސީއަކީ ކުރިން ރައީސްކަން ކުރެއްވި އެހެން ބޭފުޅުންނާ ޚިލާފަށް ދަތުރު ކުރެއްވުން ވަރަށް ގިނަ ބޭފުޅެކެވެ. އީރާނުގައި ޖުމްލަ 31 ޕްރޮވިންސް އޮންނައިރު އެއިން ކޮންމެތާކަށް ހައެއްކަފަހަރު އޭނާ ވަޑައިގެންފިއެވެ.
އިބްރާހިމް ރައީސީގެ ހެލިކޮޕްޓަރު ވެއްޓުނީ އީރާނުގެ އުތުރުން އަޒަބައިޖާނުގެ ސަރަހައްދީ ރޮނގާއި 20 ކިލޯމީޓަރު ދުރަށެވެ. ދަތުރުކުރީ އަޒަބައިޖާނުގެ ބޯޑަރުން އީރާނުގެ ތަބްރީޒަށެވެ. މިއީ ސާޅީސް ފަސް އަހަރު ކުރިން އެމެރިކާއިން ގެނެސްފައިވާ ބެލް 212 މަރުކާގެ ބައު ހެލިކޮޕްޓަރެކެވެ. ދުއްވަންތިބީ އީރާނުގެ ސިފައިންގެ ޕައިލެޓުންނެވެ. މިއީ ރައީސީގެ ގިނަގުނަ ދަތުރުފުޅުތަކުގައި އާއްމުކޮށް ބޭނުންކުރައްވާ އުޅަނދެކެވެ. ވެއްޓުނުކަމަށް ގިނަބަޔަކު ބުނަނީ މޫސުން ގޯސްވެގެންނެވެ. އެކަމަކު އެހެން ސެނާރިއޯއެއްވެސް އެބައޮތެވެ. އަޒަބައިޖާނަކީ އީރާނުގެ އަވަށްޓެރިއަކަށްވިޔަސް އިޒްރޭލުގެ މިތުރެކެވެ. އަޒަބައިޖާނުގައި އިޒްރޭލުގެ އެޖެންޓުން ނުހަނު ގިނައެވެ. އީރާނަށް ފާރަވެރިވުމުގެ ގޮތުންނެވެ. އެމީހުން ކޮންމެވެސް އާލާތެއްގެ ބޭނުން ހިފައިގެން ރައީސީގެ ހެލިކޮޕްޓަރު ޖޭމްކުރީ ނޫންބާވައެވެ. ކަންހިނގާގޮތާއި ކަންކަންކުރާ ގޮތަށް ވިސްނީމާ މިއީ މުސްތަހީލުކަމެކޭ ނުބުނެވޭނެއެވެ. ރައީސް ރަޖާއީވެސް ބްރީފްކޭސް ބޮމަކުން އަވަހާރަކޮށްލި ފަދައިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު