އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އޭނާގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރެއް ހޯދަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ)ގެ ޗީފް ޕްރޮސިކިއުޓަރު ކަރީމް ހާން ހުށަހަޅުއްވައިފިއެވެ.

ކަރީމް ހާން ވަނީ ނަތަންޔާހޫއާއި ގަލަންޓްގެ އިތުރުން ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރްއާއި ހަމާސްގެ މިލިޓަރީ ވިންގުގެ ކޮމާންޑަރު މުހައްމަދު ދިއާބް އިބްރާހިމް އަލް-މަސްރީ އަދި ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ހެޑް އިސްމާއިލް ހަނީޔޭ ހައްޔަރުކުރުމުގެ އަމުރަކަށް ވެސް ހުށަހަޅައިފައެވެ.

ކަރީމް ހާން ވިދާޅުވީ، 7 އޮކްޓޯބަރު 2023ގައި ހަމާސް އިން އިޒްރޭލަށް ހަމަލާ ދިން ދުވަހުން ފެށިގެން އިޒްރޭލުން ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ދެކޮޅު ޖަރީމާތަކުގެ ޒިންމާ ނަތަންޔާހޫއާއި ގަލަންޓް ނަގަން ޖެހޭނެ ކަމަށެވެ.

އެގޮތުން ނަތަންޔާހޫއާއި ގަލަންޓް ހައްޔަރުކުރަން ކަރީމް ހާން ހުށަހަޅާފައިވަނީ ހަނގުރާމައިގެ އުކުޅެއްގެ ގޮތުގައި ބޭނުންކޮށް އިންސާނުން ބަނޑަށް ޖެއްސުން، މީހުން މެރުން، އާންމުން ދިރިއުޅޭ އާބާދީތަކަށް އަމާޒުކޮށް ގަސްތުގައި ހަމަލާ ދިނުން އަދި ބަޔަކު ނައްތާލިކަމުގެ ތުހުމަތުގައެވެ.

ހަމާސްގެ ލީޑަރުން ހައްޔަރު ކުރަން ހުށަހެޅީ ބަޔަކު ނައްތާލުން، މީހުން މެރުން، ރަހީނު ކުރުން، ރޭޕު ކުރުން އަދި ލާއިންސާނީ އަމަލު ހިންގިކަމުގެ ތުހުމަތުގައެވެ.

ނަތަންޔާހޫއާއި ގަލަންޓް އަދި ހަމާސްގެ ލީޑަރުން ހައްޔަރުކުރުމުގެ އަމުރަކަށް ހުށަހެޅުމުން، އެ ހުށަހެޅުމާމެދު ގޮތެއް ނިންމާނީ އައިސީސީގެ ފަނޑިޔާރުންނެވެ.