އިރާނުގެ ރައީސް އިބްރާހިމް ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި، އެ މަނިކުފާނު އަވަހާރާވުމުން، ވެރިކަން ނައިބު ރައީސް މުހައްމަދު މޮހްބެރް އާ ހަވާލުކޮށްފިއެވެ.
އިރާންގެ ރަސްމީ ނިއުސް އެޖެންސީ، އިސްލާމިކް ރިޕަބްލިކް ނިއުސް އެޖެންސީގައި ބުނެފައިވާ ގޮތުން އެ ހެލިކޮޕްޓަރު ވެއްޓުނީ އިރާން އާއި އަޒަރްބައިޖާން ގުޅޭ ބޯޑަރު ކައިރީގައި އޮންނަ އަވަށަކަށެވެ. ރައީސް ރައީސީ އަޖަރުބައިޖާނަށް ކުރެއްވި މި ދަތުރަކީ އިއްޔެ އަޒަރުބައިޖާންގެ ޑޭމް އެއް އިފުތިތާހު ކުރައްވަން ކުރެއްވި ދަތުރެކެވެ.
ރައީސީއާ އެކު އެ ހެލިކޮޕްޓަރުގައި އިރާނުގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބުދުالله ހިއަން އަދި އަޒަރްބައިޖާންގެ އިރުމަތީ ޕްރޮވިންސެއްގެ ގަވަރުނަރު މާލިކް ރަހްމަތީ އަދި އިތުރު ބޭފުޅަކު ތިއްބެވިއެވެ. އެ ބޭފުޅުންވެސް ވަނީ އަވަހާރަވެފައެވެ.
އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ ރައްޔިތުން ކަންބޮޑުނުވުމަށާއި ސަރުކާރު ނުހުއްޓި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
ރައިސީ އަވަހާރަވުމާ ގުޅިގެން، އޭނާގެ ޒިންމާތަކާ ވަގުތީ ގޮތުން ނައިބު ރައީސް މުހައްމަދު މޮހްބެރް ވަނީ ހަވާލުވެވަޑައިގެންފައެވެ.
އިރާނުގެ ގާނޫނުއަސާސީ ބުނާ ގޮތުން، 50 ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވައި އާ ރައީސަކު އިންތިހާބު ކުރަންޖެހެއެވެ.
އިބްރާހިމް ރައީސީ ރިޔާސަތަށް ވަޑައިގެންނެވީ 2021 ވަނަ އަހަރުގެ އިންތިހާބުގައި ކުރި ހޯއްދަވައިގެންނެވެ. ކުރިން އެއީ އުއްތަމަފަނޑިޔާރެވެ. އުމުރުފުޅަކީ 64 އަހަރެވެ. ރައީސީގެ ސިޔާސީ ހަޔާތް ފެއްޓެވީ 1979 ވަނަ އަހަރު އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަށްފަހުއެވެ.
ރައިސީ ވަނީ 1989 އިން 1994 އަށް ތެހެރާނުގެ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމު އަދާ ކުރައްވައިފައެވެ. އަދި 2004 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރުގެ ނިޔަލަށް ޖުޑީޝަލް އޮތޯރިޓީގެ ޑެޕިއުޓީ ޗީފްގެ މަގާމު އަދާކުރައްވައިފައެވެ. އަދި އޭގެ ފަހުން 2014 ވަނަ އަހަރު ގައުމީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމު ވެސް ވަނީ އަދާކުރައްވައިފައެވެ.
ރައީސީ ވަނީ 2016 ވަނަ އަހަރުން ފެށިގެން މަޝްހާދުގައި ހުންނަ އިމާމް ރެޒާގެ ޒިޔާރަތް ބެލެހެއްޓުމާއި ސިނާއީ އަދި މުދަލުގެ ގިނަ އެސެޓުތަކެއް ކޮންޓްރޯލްކުރާ ޗެރިޓަބަލް ފައުންޑޭޝަނެއްގެ އިސްވެރިއަކަށް ވެސް ހުންނަވައިފައެވެ. އަދި އޭގެ ފަހުން ޖުޑީޝަލް އޮތޯރިޓީގެ ވެރިޔާގެ މަގާމާއި ރޫހާނީ ލީޑަރު ހޮވާ އެކްސްޕާޓުންގެ ކައުންސިލް ނުވަތަ މަޖިލިސް ހޮބްރިގާން ރަހުބަރީގެ މެންބަރު ކަންވެސް ކުރައްވައިފައެވެ. މިއީ 88 މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ.
ރައީސަކު މަގާމުގައި ހުންނަވަނިކޮށް އަވަހާރަވެއްޖެނަމަ ދެން އެމަގާމަށް ވަޑައިގަންނަވާނީ އެއްވަނަ ނާއިބުރައީސެވެ. ރޫހީ ލީޑަރުގެ ރުހުން އޮތްނަމައެވެ. އެމަގާމުގައި މިވަގުތު ހުންނެވީ ޑރ. މުހައްމަދު މުޚްބަރެވެ. އީރާނުގައި ހުންނަވަނީ އެންމެ ނާއިބުރައީސެއް ނޫނެވެ. އެކި ދައުރުގައި އެކިވަރަށް ތިއްބަވައެވެ. މި ދައުރުގައިވެސް އެގާރަ ބޭފުޅުން އެބަތިއްބެވިއެވެ. އަންހެނަކުވެސް ހިމެނޭގޮތުންނެވެ. މީގެތެރެއިން އިސްބޭފުޅަކީ އެއްވަނަ ނާއިބުރައީސެވެ. ފަސްޓް ވައިސް ޕްރެޒިޑެންޓެވެ.
އީރާނުގައި އޮންނަނީ އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާގެ ނިޒާމެކެވެ. އެއީ އިސްލާމިކް ރިޕަބްލިކް އޮފް އީރާނެވެ. މި ޖުމްހޫރިއްޔަތުގެ އަސާސްތަކާއި ރުކުންތައް ބަޔާންވެގެން ވަނީ ގާނޫނު އަސާސީ ޖުމްހޫރީ އިސްލާމީ އީރާންގެ ނަންދެވިފައިވާ ދުސްތޫރުގައެވެ. މި ދުސްތޫރަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން 3 ޑިސެމްބަރު 1979 ގައި ފާސްކޮށްފައިވާ ދުސްތޫރެކެވެ. އީރާނުގެ ވެރިކަމުގެ ނިޒާމު މީގައި ބަޔާންވެގެންވަނީ ޖުމްހޫރީ ނިޒާމު އޮންނަ އެހެން ގައުމުތަކާ ތަންކޮޅެއް ތަފާތު ގޮތަކަށެވެ.
އީރާނުގައި އޮންނަ މި ނިޒާމުގައި ދައުލަތާއި ސަރުކާރުގެ އެންމެ އިސް ވެރިޔަކީ ސްޕްރީމް ލީޑަރެވެ. ރޫހީ ލީޑަރެވެ. ގައުމުގެ މުހިންމު އަދި ބޮޑެތި އެންމެހައި ނިންމުންތައް ނިންމުމާއި ހުރިހާ ކަމެއްގައި ފަހުބަސް ބުނުމުގެ ބާރު އޮތީ ރޫހީ ލީޑަރަށެވެ. ދީނީ ކަންކަމާއި ދާހިލީ އަމަނާއި ބޭރުގެ ގުޅުންތަކާއި އަސްކަރީ ކަންކަން ވަކިން ހާއްސަ ގޮތެއްގައި އޮންނަނީ ރޫހީ ލީޑަރުގެ ހުކޫމަތުގެ ތެރޭގައެވެ. ރޫހީ ލީޑަރަކީ ރައްޔިތުންގެ ވޯޓަކުން އިންތިހާބު ކުރެވޭ ބޭފުޅެއް ނޫނެވެ. ރޫހީ ލީޑަރުކަމަށް ބޭފުޅަކު އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު އޮންނަނީ އެކްސްޕާޓުންގެ ކައުންސިލޭ ކިޔުނު ކައުންސިލަކަށެވެ. އައްޔަންކުރަނީ މުޅި އުމުރަށެވެ. މި ކައުންސިލްގެ ރަސްމީ ނަމަކީ މަޖިލިސް ޚޮބްރިގާން ރަހުބަރީއެވެ. މިއީ 88 މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ. ކައުންސިލް އެއްތަންވަނީ އަހަރަކު އެއްހަފުތާއަށެވެ. މިއީ ރައްޔިތުންގެ ވޯޓުން އިންތިޚާބު ކުރެވޭ ކައުންސިލެކެވެ. ދައުރަކީ 8 އަހަރެވެ.
އެކަމަކު މި ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލެވޭނީ އަދި އެހެން ކައުންސިލެއްގެ ރުހުން ލިބޭ ކެންޑިޑޭޓުންނަށެވެ. މިދެންނެވި ދެވަނަ ކަައުންސިލްގެ ނަމަކީ ގާޑިއަން ކައުންސިލެވެ. މި ކައުންސިލުގައި ތިއްބަވަނީ ރޫހީ ލީޑަރު އައްޔަން ކުރައްވާ މެންބަރުންނެވެ. މި ނިޒާމުގައި ޑިމޮކްރަޓިކް ސިފައެއްނެތޭ ބައެއް މީހުން ބުނާ ސަބަބަކީ މިއީއެވެ. އީރާނުގައި ރައީސަކުވެސް ހުންނަވައެވެ. އެއީ ރައްޔިތުންގެ ވޯޓަކުން ހަތަރު އަހަރުގެ ދައުރަކަށް އިންތިޚާބު ކުރެވޭ ބޭފުޅެކެވެ. ރައީސް ޖުމްހޫރު އީރާނެވެ. ޕާލަމަންޓެއްވެސް އޮވެއެވެ. މަޖިލިސް ޝޫރާ އިސްލާމީއެވެ. މިއީ ހަތަރު އަހަރުގެ ދައުރަކަށް ރައްޔިތުން އިންތިޚާބުކުރާ 290 މަންދޫބުން ނުވަތަ މެންބަރުންގެ މައްޗަށް އެކުލެވޭ ޝޫރާ މަޖިލީހެކެވެ. ގައުމުގެ ރައީސްކަމަށްވެސް އަދި ޝޫރާ މަޖިލީހުގެ މެންބަރުކަމަށްވެސް ކުރިމަތިލެވޭނީ ކުރިން ބަޔާންކުރެވުނު ގާޑިއަން ކައުންސިލްގެ ރުހުންލިބޭ ބަޔަކަށެވެ. އެނޫން މީހުން ޑިސްކޮލިފައިކުރެއެވެ. ހަމަ ކޮންމެ އިންތިހާބެއްގައެވެ.
ގާޑިއަން ކައުންސިލަކީ ރޫހީ ލީޑަރު އައްޔަންކުރައްވާ މެންބަރުންގެ ކައުންސިލަކަަށްވީމާ ރޫހީ ލީޑަރު ރުހިވަޑައިނުގަންނަވާ މީހަކަށް ރައީސްކަމަށްވެސް އަދި ޕާލަމަންޓުގެ މެންބަރުކަމަށްވެސް އާދެވޭނެ ގޮތެއް ނޯވެއެވެ. މުޅި ނިޒާމު ފަރުމާކުރެވިފައިއޮތީ ރޫހީ ލީޑަރަށް ގައުމުގެ ފުރިހަމަ ކޮންޓްރޯލް ލިބިދިނުމަށެވެ. މިއީ އިސްލާމީ އިންގިލާބުގެ ބާނީ އާޔަތު ﷲ ރޫހު ﷲ ޚުމައިނީގެ ހަށިކޮޅަށް ހެޔޮވަރުކޮށްފައި ފަހާފައިވާ ހެދުމެކެވެ. މި ނިޒާމުގެ ދަށުން ރޫހީ ލީޑަރުކަމަށް އެންމެ ފުރަތަމަ ވަޑައިގެންނެވި ބޭފުޅަކީ އާޔަތު ﷲ ރޫހު ﷲ ޚުމައިނީއެވެ. އޭނާ 1989 ވަނަ އަހަރު އަވަހާރަވުމާ ހަމައަށް ހުންނެވީ އެ މަގާމުގައެވެ. ޚުމައިނީ އަވަހާރަވުމުން އެކްސްޕާޓުންގެ ކައުންސިލް އެއްތަންވެފައި ރޫހީ ލީޑަރުކަމަށް އައްޔަންކުރި ބޭފުޅަކީ މިހާރުވެސް އެމަގާމުގައި އެހުންނެވި އާޔަތު ﷲ އަލީ ޚާމަނާއީއެވެ. ރޫހީ ލީޑަރުކަމުގައި ޚާމަނާއީ ހުންނަވާތާ 35 އަހަރު ވެއްޖެއެވެ. އުމުރުފުޅަކީ 85 އަހަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު