"ސީ-ޓު-އެއާ" ކާގޯ ޓްރާންސްޝިޕްމަންޓް ހިދުމަތުގެ ދަށުން ފުރަތަމަ ފަހަރަށް މުދާ ފޮނުވައިފިއެވެ.

"ސީ-ޓު-އެއާ" ކާގޯ ޓްރާންސްޝިޕްމަންޓް ހިދުމަތަކީ އެއް ގައުމުން އަނެއް ގައުމަށް ގެންދާ މުދާ ކަނޑުމަގުން ރާއްޖެ ގެނެސް، ރާއްޖެ މެދުވެރިކޮށް ވައިގެ މަގުން އެކި މަންޒިލްތަކަށް ފޮނުވައިދޭ ހިދުމަތެކެވެ.

އެ ހިދުމަތް ފެށުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަނީ މާޗު މަހުގެ ފަހުކޮޅު ޓާކިޝް އެއާލައިން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެމްޕީއެލްގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ، "ސީ-ޓު-އެއާ" ކާގޯ ޓްރާންސްޝިޕްމަންޓް ހިދުމަތުގެ ދަށުން ރޭ ފުރަތަމަ ފަހަރަށް ފޮނުވީ ބަންގްލަދޭޝް އިން ކަނޑުމަގުން ރާއްޖެ ގެނައި 935 ފޮށި ރެޑީމޭޑް ގާމަންޓްސް ކަމަށެވެ. އެ އެއްޗެހި ޓާކިޝް އެއާލައިންގައި ފޮނުވީ ޖަރުމަނަށެވެ.

އެމްއޭސީއެލްގެ މީޑިއާ އޮފިސަރު "ވަން" އަށް މިރޭ ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ކާގޯ ޓާމިނަލް އާއެކު އެއާ ކާގޯގެ ހިދުމަތް ފުޅާ ކުރުމަށް މަސައްކަތް ކުރަމުންދާއިރު، "ސީ-ޓު-އެއާ" ކާގޯ ޓްރާންސްޝިޕްމަންޓް ހިދުމަތް އެމްޕީއެލް އިން ފެށުމަކީ އެ ހިދުމަތަށް ލިބޭނެ އިތުރު ކުރިއެރުމެއް ކަމަށެވެ.

ޓާކިޝް އެއާލައިންސްގެ ރީޖަނަލް ކާގޯ މެނޭޖަރު ބިލާލް އޮކުޗް މީގެ ކުރީން ވަނީ އެ އެއާލައިންގެ އަމާޒަކީ އެމްޕީއެލްއާ ގުޅިގެން ރާއްޖެއަކީ ސީ-ޓު-އެއާ ޓްރާންޝިޕްމަންޓްގެ ހަބަކަށް ހެދުން ކަމަށް ވިދާޅުވެފައެވެ. އެ ހިދުމަތަށް މިހާރު ބޭނުން ކުރަމުންދަނީ ސްރީ ލަންކާ ކަމަށާއި އެ ގައުމުން ޑިމާންޑާ އެއްވަރަށް ކޭޓާ ނުކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.