ދެމެހެއްޓެނިވި ޕްލޭނެއްގެ ދަށުން ޅަފަތުގައި ނުލުޅެދުންތެރިކަން ދެނެގަނެ ފަރުވާ ދެވޭނެ ނިޒާމެއް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ގާއިމުކުރަން ދައުލަތުގެ މުއައްސަސާތަކަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުން މިއަދު ގަރާރެއް ފާސްކޮށްފިއެވެ.

މި ގަރާރަކީ މަޑުއްވަރީ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި މިހާރުގެ ލާމަރުކަޒީ މިނިސްޓަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި ގަރާރެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މި ގަރާރު ދިރާސާކޮށް މަޖިލިސް ތަޅުމަށް ހުށަހަޅައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރީ ކަމާބެހޭ އަށް ކަމެއް ކުރުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ވަނީ ގޮވާލައިފައެވެ.

އޭގެ ދެމެހެއްޓެނިވި ޕްލޭނެއްގެ ދަށުން ޅަފަތުގައި ނުކުޅެދުންތެރިކަން ދެނެގަނެ ފަރުވާ ދެވޭނެ ނިޒާމެއް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ގާއިމުކުރުމުގެ އިތުރުން ސްޕީޗް ތެރަޕީ އަދި އޮކިއުޕޭޝަނަލް ތެރަޕީ ފަދަ ނުކުޅެދުންތެރިކަން ހުންނަ ބައެއް ފަރާތްތަކަށް ބޭނުންވާ ހާއްސަ ފަރުވާތައް ލާމަރުކަޒީ ނިޒާމުގެ ދަށުން ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެއެވެ.

ކޮންމެ ތަނަކީވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެއްވެސް ތަކުލީފަކާ ނުލައި ވަޒީފާ އަދާކުރެވޭނެ ފަދަ އިންތިޒާމުތަކެއް ހަމަޖެހިފައިވާ ތަނެއްކަން ކަށަވަރުކުރުމަށް ވަޒީފާދޭ ތަންތަނުގައި އެންމެ މަދުވެގެން ހުންނަންޖެހޭ މިންގަނޑުތައް ބަޔާންކުރާ އުސޫލުތައް އެކުލަވާލައި ތަންފީޒު ކުރުމަށާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުން ހަރުދަނާކުރުމަށް އެ ފަރާތްތަކާ ދޭތެރޭ މުޖުތަމައުން ދެކޭގޮތް ބަދަލު ކުރުމަށްޓަކައި ގައުމީ ފެންވަރުގައި ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމަށްވެސް ވަނީ ގޮވާލައިފައެވެ.

އަދި ގެޒެޓް ކުރާ ނުވަތަ އާއްމުކުރާ ލިޔުންތަކަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކްސެސިބަލް ލިއުންތަކެއްކަން ކަށަވަރު ކުރުމާއި ސޯޝަލް ވާކަރުން އިތުރު ކުރުމަށްޓަކައި، އެ ދާއިރާތަކުން ތައުލީމު ހާސިލުކުރުމަށް ލުއި ގޮތްތަކެއް ހަމަޖައްސައި އެފަދަ ފުރުސަތުތައް އިތުރުކުރުމާއި ރަށްރަށުގައި ހުޅުވާލާ ސައިކޮލޮޖީ، ކައިންސެލިން، އިޖުތިމާއީ މަސައްކަތްތަކުގެ ދާއިރާގެ ވަޒީފާތަކަށް މީހުން ޝައުގުވެރި ކުރުމަށްޓަކައި އެފަދަ ވަޒީފާތަކުގެ އަދި މުސާރައިގެ އޮނިގަނޑަަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްވެސް ވަނީ ގޮވާލައިފައެވެ.

މީގެ އިތުރުން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭ އިދާރާތަކުގެ އިމާރާތްތައް ފަރުމާކޮށްފައި ހުންނަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކްސެސިބަލްކޮށްކަން ކަމާގުޅޭ އިދާރާތަކުން ކަށަވަރުކުރުމަށްވެސް މި ގަރާރުގައި ވަނީ ގޮވާލައިފައެވެ.