ދައުލަތުގެ ކުންފުނިތަކުގެ ގޮތުގައި ހިންގާ ތަންތަން ފާހަގަކުރެވެނީ ޕްރައިވެޓް ސެކްޓަރުގައި ހިންގާ ކުންފުނިތަކަށް ޖެއްސުން ކުރަން ހިންގާ ތަންނަނުގެ ގޮތުގައި ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
އަލީ ހުސެއިން އެހެން ވިދާޅުވީ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވާފައިވާ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް އެދިވަޑައިގެން ފޮނުއްވާފައިވާ މައްސަލަ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން ދިރާސާކޮށް މަޖިލިސް ތަޅުމަށް ހުށަހެޅި ރިޕޯޓުގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ، ވިޔަފާރިއަކީ ފައިދާއާއި ނަފާ ހޯދަން ކުރާ ކަމަކަށްވާއިރު ދައުލަތުންވެސް ވިޔަފާރިކުރާނަމަ ކުރަންޖެހޭނީ ފައިސާ ނުވަތަ ނަފާ ހޯދޭ ގޮތަށް ކަމަށެވެ. އަދި ދައުލަތުން ކުރާ ވިޔަފާރިއަކީ ސިވިލް ސާވިސްގެ ގާނޫނާ ހިލާފަށް ހިތުހުރި ވަރަކަށް ވަޒީފާތައް ދޭން ހަދާ ތަންތަން ނުވަތަ ކުރާ ކަމަކަށް ވެގެން ނުވާނެ ކަމަށާއި ދައުލަތުންކުރާ ވިޔަފާރިއަކީ މާލިއްޔަތުގެ ގާނުނާ ހިލާފަށް ޕްރޮކިއުމެންޓާއި ސަޕްލައި ހޯދައި، ބޭނުންހާ ގޮތަކަށް ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމަށް ބޭނުންކުރާ ވަސީލަތަކަށް ވެގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އަލީ ހުސެއިން ވިދާޅުވީ، ދައުލަތުގެ ކުންފުނިތައް ހިންގަނީ ނަމުން ދައުލަތުގެ ވިޔަފާރި، ކަމުން ސިވިލް ސާވިސްގެ ގާނޫނަށް އަމަލު ނުކުރަން ވެގެން އަދި މާލިއްޔަތުގެ ގާނޫނަށް އަމަލު ނުކުރުމަށް ހިންގާ ކަމެއްގެ ގޮތުގައި ކަމަށެވެ.
"އެއަށް ޖަރީމާއޭ ނުކިޔަން މި އުޅެނީ ހަގީގަތުގައި އެއީ ވިޔަފާރިތަކެއް ނޫން ވިޔަފާރީގެ އުސޫލުން ހިންގާ ތަންތަނެއްވެސް ނޫން އެއީ ޕްރައިވެޓް ވިޔަފާރިތަކަށް އުނދަގޫކުރަން، ޖެއްސުންކުރަން ހިންގާ ތަންތަން ގޮތުގައި ފެންނަނީ،" އަލީ ހުސެއިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ދައުލަތުގެ ވިޔަފާރީގެ ނަމުގައި ހުރިހާ ދާއިރާއެއްގެ ބޮޑެތި ވިޔަފާރިތައް ހިންގަމުންދާއިރު ނަތީޖާކީ ޕްރައިވެޓް ސެކްޓަރަށް ވާދަކުރަން ޖެހުން ކަމަށެވެ.
"ނަމުން ކޮންމެ ވިޔަފާރިއެއްވިޔަސް، ބޭންކިން ކިޔަސް، އިންޝުއަރެންސް ކިޔަސް ހޯލްސޭލް ކިޔަސް ކޮންސްޓްރަކްޝަން ކިޔަސް އެއިން ކޮންމެ ވިޔަފާރިއެއް ކިޔަސް އެންމެ ބޮޑު ކުންފުނި މި އޮންނަނީ ދައުލަތުގައި، އެހެން ނަމަވެސް އެ ކުންފުނިތަކަށް ފައިދާއެއް ނުވޭ އަޖައިބެއް ކަހަލަ ފައިދާއެއްނުވާކަން މި އެނގެނީ ހަނިމާދޫން އިންޑިއާއަށް ފުރައިގެން ދިއުމަށްވުރެ އެއީ ދައުލަތުގެ އެއާލައިންއަކަށްވާތީވެސް ކަންނޭނގެ ޕްރައިވެޓް އެއާލައިއަކުން ދ. އަތޮޅުން އިންޑިއާއަށް ފުރައިގެންދާން މާ ހެޔޮ އަގުގައި ޓިކެޓް އެބަ ލިބޭ،" އަލީ ހުސެއިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޕްރަޓައިޒޭޝަން ބޯޑު ހެދިތާ އެތަކެއް ޒަމާންވެފައިވީ ނަމަވެސް ޕްރައިވެޓް ކުރެވުނު ތަނެއް ނުފެންނަ ކަމަށެވެ. އެެހެންކަމުން ޕްރަވަޓައިސް ކިޔާފަ ބޯޑެއް އޮތުމުގެ ބޭނުމެއް ނެތް ކަަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު