ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން އަނބުރާ އިންޑިއާއަށް މިހާރު ފޮނުވައި ނިމިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ "ވަން" އަށް މިރޭ ވިދާޅުވީ އިންޑިއާ ސިފައިންނާ ބެހޭގޮތުން އިތުރު މައުލޫމާތުތައް ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދެއް ވެސް ހީނާ ވިދާޅެއް ނުވެއެވެ.
"މިހާރު ހުރިހާ ސިފައިން ވަނީ ފޮނުވާލެވިފައި. ވަރަށް ތަފުސީލުކޮށް އެކަމާ ގުޅޭ މައުލޫމާތު ވަރަށް އަވަހަށް ހިއްސާ ކުރާނެ،" ހީނާ ވިދާޅުވިއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ މުހިންމު އެއް ރިޔާސީ ވައުދުފުޅެވެ. ރައީސުލްޖުމްހޫރިއްޔާގެ ހުވާ ކުރެއްވި ދުވަހު ރައީސް މުއިއްޒު ވަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް ރަސްމީކޮށް، އިންޑިއާގައި އެދިވަޑައިގެންފައެވެ.
އެފަހުން ރާއްޖެ އާއި އިންޑިއާ ދެމެދުގައި ވަނީ އިންޑިއާ ސިފައިން ކަންކަމުގައި މަތީ ފެންވަރުގެ މަޝްވަރާގެ ބައްދަލުވުންތަކެއް ބާއްވައިފައެވެ. އެ މަޝްވަރާތަކުގައި ދެގައުމުން އެއްބަސްވީ މާޗު 10ގެ ނިޔަލަށް އައްޑޫގައި ތިބި އިންޑިއާ ސިފައިން ރާއްޖެ އިން ފޭބުމަށެވެ. އެ އެއްބަސްވުމާ އެއްގޮތަށް އައްޑޫގައި ތިބި އިންޑިއާ ސިފައިން ވަނީ އަނބުރާ ރާއްޖެއިން ފޮނުވާލައިފައެވެ. އިންޑިއާ ސިފައިން ދެން ތިބީ ހދ. ހަނިމާދޫ އަދި ލ. ކައްދޫގައެވެ. އެ އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށް ހަމަޖެހިފައިވަނީ މާދަމާގެ ނިޔަލަށެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި އެ މަސައްކަތްތައް ކުރުމަށް އިންޑިއާ އިން ގެންނަނީ ސިވިލިއަނުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު