ނޯތު ހާބަރުގައި އޮތް ބޯޓަކުން 10 ގޭސްފުޅި ވަގަށް ނެގި މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން ބުނި ގޮތުގައި ވައްކަމުގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 8:46 އެހާކަންހާއިރެވެ. އެ މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މާލޭގައި މިއަދު ވަނީ އިތުރު ދެ ވައްކަމެއްވެސް ހިނގައިފައެވެ.

ފުލުހުން ބުނި ގޮތުގައި، ވައްކަމުގެ ފުރަތަމަ މައްސަލަ ރިޕޯޓްކުރީ އަބަދަށްފެހި މަގުގައި ހުންނަ ނިއު ލައިން ފިހާރައިން މިއަދު ހެނދުނު 7:54ގައެވެ. ވައްކަމުގެ ދެވަނަ މައްސަލަ ހުށަހެޅީ އަބަދަށްފެހި މަގުގައި ހުންނަ ބޭސްފިހާރައަކުން މިއަދު ހެނދުނު 8:30ގައެވެ.

އެ ދެ މައްސަލައާ ގުޅިގެންވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް ދެ މައްސަލަވެސް ތަހުގީގު ކުރަމުންދާ ކަމަށް ބުންޏެވެ.