ގާޒާގެ ހަނގުރާމަ ހުއްޓުވުމަށް އަރަބީންނާއި ހުޅަނގުގެ ގައުމުތައް ގުޅިގެން ހުށައެޅި ހުށައެޅުން ގަބޫލުނުކުރާނެ ކަމަށް އިޒްރޭލުން މި ހަފުތާގައި ވަނީ ބުނެފައެވެ. މި ހުށައެޅުމަށް ނޫނެކޭ ބުނެފައި ގާޒާގެ އެންމެ ދެކުނުގައިވާ ރަފާއަށް އިޒްރޭލުގެ ލަޝްކަރުތައް ވަނީ އަރައިގެންފައެވެ. މިކަންކަމުން އެނގެނީ ގާޒާގެ ހަނގުރާމައަށް އަވަސް ހުއްޓުމެއްނެތް ކަމެވެ. ހަނގުރާމަ އަދިވެސް، ދެންވެސްއޮތީ ކުރިއަށް ކަމެވެ. މިސްރާއި ގަތަރު އިސްވެތިބެގެން އެކުލަވާލި ހުށައެޅުން ފަލަސްތީނުގެ ހަމާސް ޖަމާއަތުން ވަނީ ގަބޫލުކޮށްފައެވެ. ހަނގުރާމައެއްގައި ޝާމިލްވާ ފަރާތްތަކުގެ ތެރެއިން އެއްބަޔަކު މި ހުށައެޅުން ބަލައިގަތަސް އަނެއްބަޔަކު ދެކޮޅު ހަދަންޏާ ހަނގުރާމައަށް ނިމުމެއް ނުގެނެވޭނެއެވެ. މި ހުށައެޅުމަށް އިޒްރޭލުން ނޫނެކޭ ބުނިބުނުމުން ދޭހަވާ މާނަ ވަރަށް ސާފެވެ. ސުލްހަޔަކީ އިޒްރޭލް ބޭނުންވާ އެއްޗެއް ނޫނެވެ. އިޒްރޭލް ބޭނުންވަނީ ހަނގުރާމައެވެ. މި ހަނގުރާމަ ދެމެހެއްޓުމަށެވެ. ސިޔާސީ ބައެއް ސަބަބުތަކަށްޓަކައެވެ.
އިޒްރޭލުގެ ލަޝްކަރުތައް ގާޒާގެ އެންމެ ދެކުނުން ރަފާއަށް މިހާރު އަރައިގަތުމުގެ އެއްބޭނުމަކީ ގާޒާގެ އެންމެފަހު ނޭވާހޮޅި ފިއްތައިލުމެވެ. މިސްރާއި ގާޒާ ގުޅުވައިދޭ މަގުގެ ކޮންޓްރޯލް އަތުލައި މުޅި ގާޒާ ބަނޑަށް ޖެއްސުމެވެ. ރަފާގައި މިހާރު ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން މިލިޔަނަކަށްވުރެ ގިނަ މީހުން އެބަތިއްބެވެ. އޭގެތެރޭގައި ގިނައީ އިޒްރޭލުގެ އުދުވާންތަކުން ސަލާމަތްވުމަށް ގާޒާގެ އެހެނިހެން ހިސާބުތަކުން އައި ރެފިއުޖީންނެވެ. މި އެންމެން ކައިގެން ބޮއިގެން އެތިބެނީ މިސްރާއި ގާޒާ ގުޅުވައިދޭ މަގުން އެތެރެވާ ތަކެއްޗަށް ބަރޯސާކޮށްގެންނެވެ. މިމަގުގެ ކޮންޓްރޯލް ނެގުމަށްފަހު އިޒްރޭލުން އެންމެ ފުރަތަމަވެސް ކުރިކަމަކީ މަގު ބަންދުކުރުމެވެ. ކާނާޔާއި ބޭހުގެ ހޮޅި ބައްދައިލުމެވެ. ކޮންމެއަކަސް ގަތަރާއި މިސްރުން މިފަހަރު ހުށައެޅި ސުލްހައިގެ ހުށައެޅުން ފަރުމާކުރުމުގައި އެމެރިކާގެ ދައުރެއްވެސް އޮތެވެ. މި ހުށައެޅުން ފައިނަލްވެގެންއައީ އެމެރިކާގެ ޖާސޫސީ އިދާރާގެ ވެރިޔާ ވިލިއަމް ބާރންސްގެ ވަރަށް ބޮޑު ބައިވެރިވުމެއްވެސް އޮވެގެންނެވެ.
މި ހުށައެޅުމުގެ މައިގަނޑު ނުގުތާއަކީ ހަމާސްއިން ހައްޔަރުކޮށްފައިވާ އިޒްރޭލުގެ އަސީރުން މިނިވަންކޮށް ދޫކޮށްލުމެވެ. ބަދަލުގައި އިޒްރޭލުން ކުރަންޖެހޭ ކަމަކީ ހަމަލަދިނުން ހުއްޓާލައި ގާޒާއަށް ތަކެތި އެތެރެކުރެވޭ މަގުތައް ހުޅުވައިލުމެވެ. އިޒްރޭލުން މި ހުށައެޅުމަށް ނޫނެކޭ ބުނުމުގެ އަނެއް މާނަޔަކީ ހަމާސް ޖަމާއަތުން އިޒްރޭލުގެ ރަހީނުން މިނިވަންކޮށް ދޫކޮށްލިއަސް ގާޒާގެ ހަނގުރާމަ ހުއްޓާލައި ސުލްހަ ގާއިމްކުރަން އިޒްރޭލް ބޭނުންނުވާކަމެވެ. މިހުށައެޅުމުގައިވާ ނުގުތާތަކާމެދު މަޝްވަރާތަކެއް ހިނގަމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ހުށައެޅުން ފަރުމާވެގެންއައީ އިޒްރޭލަށްވެސް އެނގިގެން ހިއްސާކުރެވިގެންނެވެ. ކުރިއަކުން ތިޔައީ ގަބޫލުކުރާނޭ އެއްޗެއް ނޫނޭ ބުނެފައެއް ނެތެވެ. އިޒްރޭލު އިންތިޒާރުކުރީ ހަމާސް ޖަމާއަތުން ބުނާ އެއްޗަކަށެވެ. ހީކުރީ ހަމާސްއިން މިއަށް ނޫނެކޭ ބުނާނެ ކަމުގައެވެ. ހީކުރިގޮތާ ޚިލާފަށް ހަމާސްއިން ތިޔަށް ރުހެމޭ ބުނުމާއެކު މުޅި ހުށައެޅުން އިޒްރޭލަށް ކަމުނުދިޔައީއެވެ. އެއްބަސްވެވޭ އެއްޗަކަށް ނުވީއެވެ.
ދެން މިހެދި އެއްޗަކީ ވަގުތުން ރަފާއަށް އަރައިގަތީއެވެ. މަގުސަދު ކިތަންމެހާވެސް ސާފެވެ. މަގުސަދަކީ މުޅި ރަފާ ސުންނާފަތިކޮށްލުމެވެ. އެހާލަތަށް މިހާތަނަށް ބަދަލުކޮށްނުލެވިއޮތް ހަމައެކަނި ތަނަކީ ރަފާއެވެ. ރަފާއަކީ ގާޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންގެ އެންމެފަހުގެ އުންމީދެވެ. ގާޒާގެ އެހެންހުރިހާ ހިސާބުތަކެއް ވަނީ މުޅިން ސުންނާފަތިވެފައެވެ. ގާޒާގެ އުތުރާއި މެދެވެ. ވައިގެ މަގުން އިޒްރޭލުން އައީ އެހެން ތަންތަނެކޭވެސް އެއްގޮތަށް ރަފާއަށް ހަމަލާދެމުންނެވެ. އެކަމަކު އެއްގަމުގެ ލަޝްކަރުތައް މިހާތަނަށް ރަފާއަށް އަރައެއް ނުގަނެއެވެ. އެހެންހުރިހާ ތަނަކަށް އެއްގަމުންވަނީ ވަދެފައެވެ. ރަފާ ފިޔަވައި ގާޒާގެ އެހެންހުރިހައި ތަނަކަށް އެއްގަމުން އިޒްރޭލް ސިފައިން ވަދެގަތަސް އަދިވެސް ހަމާސް ޖަމާއަތް ބަލިކޮށެއް ނުލެވެއެވެ. ހަމާސްގެ މުޖާހިދުން އަދިވެސް ތިބީ ހަމަ ވަރުގަދަކޮށެވެ. ހަމާސްއިން ރަހީނުކޮށްފައިވާ އިޒްރޭލުގެ އެންމެ އަސީރަކުވެސް މިނިވަނެއް ނުކުރެވެއެވެ.
މިކަން މިހެންހުރުމާއެކު ރަފާގައިވެސް ވަކި މޮޅެއް ހޯދޭނެ ކަމަށް ނުފެނެއެވެ. އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ ރައްޔިތުންނަށް ވައުދުވެފައިވަނީ ހަމާސް މުޅިން ބަލިކޮށް ފުރިހަމަ ނަސްރެއް ހޯދާނެ ކަމުގައެވެ. ރަފާއަށް އެރިއަސް މިކަން ހާސިލްވުން ގާތެއް ނޫނެވެ. މަގުސަދު ހާސިލްނުވެ ހަނގުރާމަ ހުއްޓައިލުމަކީ ނަތަންޔާހޫގެ ސިޔާސީ ހަޔާތް ބަރުބާދުވެދާނެ ކަމެކެވެ. މަގާމު ގެއްލިދާނެ ކަމެކެވެ. މިހާރު ކަންކަންއޮތް ގޮތުން އޭނާއަށް ވެރިކަމުގައި ހުރެވެންއޮތީ ހަނގުރާމަ ދަމަހައްޓައިގެންނެވެ. އެގޮތުން މިހާރު އެޖަހަނީ މަގާމުގައި ދެމިހުރުމަށްޓަކައި ޖަހާ މަރުފައްޔެކެވެ. ހަނގުރާމަ ހުއްޓާލަން އެއްބަސްވެއްޖެނަމަ ނަތަންޔާހޫގެ ކޯލިޝަން ސަރުކާރު ރޫޅޭނެއެވެ. ވެއްޓޭނެއެވެ. ގައުމީ ސަލާމަތާބެހޭ މިނިސްޓަރު އިޓަމާ ބެންގަވީރާއި ފިނޭންސް މިނިސްޓަރު ބިޒާލެލް ސުމޮޓްރިޗް އެތިބީ ނަތަންޔާހޫ ހަދާ އެއްޗަކަށް ފާރަވެރިވެގެންނެވެ. އެދެމީހުންނަކީ ޔަހޫދީންގެ ތެރެއިންވެސް އެންމެ ބޮޑަށް ހައްދުފަހަނަޅާފައިވާ ފިކުރުގެ މީހުންނެވެ.
ސުލްހައިގެ އެއްވެސް ހުށައެޅުމަކަށް ނަތަންޔާހޫ އެއްބަސްވެއްޖެނަމަ ސަރުކާރުން ވަކިވާނެ ކަމަށް އެދެމީހުންވެސް ވަނީ އިންޒާރުދީފައެވެ. އެ ދެމީހުންނާއި އެމީހުންގެ ޕާޓީތައް ސަރުކާރުން ވަކިވެއްޖެނަމަ ނަތަންޔާހޫގެ ސަރުކާރުގެ އަޣުލަބިއްޔަތު ގެއްލޭނެއެވެ. ސަރުކާރު ވެއްޓޭނެއެވެ. މަގާމުގައި ދެމިހުރުމަށްޓަކައި ސުލްހައިގެ ހުށައެޅުމަށް ނޫނެކޭ ބުނިއިރު ރަފާއަށް އަރައިގެން އިޒްރޭލަށް ލިބެންއޮތް ދެރަ ވަރަށްވެސް ބޮޑެވެ. އެންމެބޮޑު ދެރަޔަކީ ސަލާމަތްކުރާނެ ރަހީނަކު ނެތުމެވެ. ރަހީނުންގެ ދުވަސް މިކަމުގެ ތެރޭގައި ހިނގައިދާނެއެވެ. އެކަން ކަށަވަރެވެ. އެހިސާބުން ރައްޔިތުންނަށް ނަތަންޔާހޫ ދެން ދައްކާނީ ކޮން މޫނެއް ބާވައެވެ. އަނެއް ދެރަޔަކީ ހުޅަނގުގެ ދުނިޔޭގައިވެސް އިޒްރޭލާމެދު ރައުޔު ބަދަލުވުމެވެ. އިޒްރޭލުގެ ހުތުރު މޫނު އިތުރަށް ހަޑިވުމެވެ. މިހާރުވެސް އެމެރިކާގެ ރައީސް ޖޯ ބައިޑެން ބައެއް ނިންމުންތައް ނިންމަވައިފިއެވެ. އެމެރިކާއިން އިޒްރޭލަށް ފޮނުވާ ހަތިޔާރުގެ ބައެއް ޝިޕްމަންޓުތައް މިހާރު ވަނީ ހިފަހައްޓައިފައެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް