ބޯންމެރޯ ހެދުމަށް ސަރުކާރުން ރާއްޖޭން ބޭރަށް ފޮނުވި ފަސް ކުދީންގެ ތެރެއިން ދެ ކުއްޖެއްގެ އޮޕަރޭޝަން ކާމިޔާބު ކަމަށް ހެލްތު މިނިސްޓަރު ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ތެލެސީމިއާ ދުވަހާ ގުޅިގެން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހަލީލު ވިދާޅުވީ ބޯންމެރޭ އޮޕަރޭޝަން ކާމިޔާބުވި ދެ ކުދިން ހޮސްޕިޓަލުން ދޫކޮށްލައިފައިވާ ކަމަށާއި އެ ދެ ކުދިންގެ ސިއްހަތު ރަނގަޅު ކަމަށެވެ. އެ ދެ ކުދީން މިހާރު ތިބީ އިތުރު އޮބްޒަވޭޝަނަށް އެކޮމޮޑޭޝަންގައި ކަމަށް ވިދާޅުވިއެވެ.

ބާކީ ތިބި ތިން ކުދިންގެ ބޯންމެރޭ ހެދުމުގެ ކަންކަން އަވަސް މުސްތަގުބަލެއްގައި ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހަލީލު ވިދާޅުވީ މި އަހަރުގެ ތެރޭގައި 10 ކުދީން ބޯންމެރޯ ހެދުމަށް ރާއްޖޭން ބޭރަށް ފޮނުވުމަށް ސަރުކާރުން ނިންމައިފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ފަސް ކުދީން މި އަހަރުގެ މެދުތެރޭގައި ބޯންމެރޭ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާނެ ކަމަށާއި އަނެއް ފަސް ކުދިން މިއަހަރުގެ ފަހުކޮޅު ރާއްޖެއިން ބޭރަށް ފޮނުވާނެ ކަމަށް ހަލީލު ވިދާޅުވިއެވެ.

މީގެ އިތުރުން ހަލީލު ވިދާޅުވީ ރާއްޖޭގައި ކުރިން ބޯންމެރޯ ކްރޮސްމެޗް ޓެސްޓަކީ ވަރަށް ދަތި ހާލުން ހެދޭ ޓެސްޓެއް ކަމަށެވެ. މީގެ ކުރިން ބޯންމެރޯ މެޗްކުރުމަށް ހަދާ ޓެސްޓު ވެސް ޑޯނާއާއި ބަލިމީހާ ރާއްޖޭން ބޭރަށް ގޮސްގެން ނޫނީ ނުހެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތީން މިހާރު ރާއްޖެއިން އެ ޓެސްޓު ހެދޭނެ ގޮތްތައް ހަމަޖެހިފައިވާ ކަމަށާއި މާޗު މަހުގެ ހަތެއްގައި އެންމެ ފުރަތަމަ ކުރެވުނު ބޯންމެރޯ ޓެސްޓް 13 ފަރާތެއް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.