މިހާރު މިއޮތް 19 ވަނަ ރައްޔިތުންގެ މަޖިލިސް ނިމެންދާ އިރު، ވަޒީރުންނާ ސުވާލު ކުރުމަށް މެންބަރުން ހުށަހަޅާފައިވާ 21 ސުވާލު އަދި ނުކޮށް އެބަ އޮތް ކަމަށާއި އެކި ފަރާތްތަކުން މަޖިލީހަށް ހުށަހަޅާފައިވާ ޝަކުވާތަކާއި ސިޓީތަކާ އެކު ޖަވާބު ދޭންޖެހޭ 322 މައްސަލަ އެބައޮތް ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ، މިހާރު ކުރިއަށް މިދަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާތައް ކަމަށެވެ. މި މަޖިލީހުގެ އެންމެ ފަހުގެ ޖަލްސާ އޮންނާނީ އަންނަ ހޯމަ ދުވަހު ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ވަޒީރުންނާ ކުރުމަށް މެންބަރުން ހުށަހަޅުއްވާފައިވާ 21 މައްސަލަ މަޖިލިސް ތަޅުމުގައި އަދިވެސް އެބައޮތް ކަމަށެވެ.

މަޖިލީހުގައި އާއްމުކޮށް އަމަލު ކުރަމުންދާ އުސޫލަކީ މަޖިލީހަށް ސުވާލުތައް ލިބި ސުވާލުކުރަންޖެހޭ މުއްދަތު ޖެހުމުން އެ ސުވާލު ކުރައްވާ މެންބަރުންނާއި ސުވާލު ކުރަންޖެހޭ ވަޒީރުގެ ވަގުތައް ބަލައި މަޖިލިސް ބާއްވާ ދުވަސްތަކަށް އެކަމެއް ތާވަލު ކުރަމުން ގެންދިއުން ކަމަށެވެ.

ކުރަން ހުށަހަޅުއްވާފައިވާ ސުވާލުތައް ގިނަކަމުން މަޖިލީހުގައި މަސައްކަން ކުރަމުން ދިޔައީ، ކޮންމެ ދުވަހަކުވެސް އެއް ސުވާލަށްވުރެ ގިނަ ސުވާލު މިނިސްޓަރުންނާ ކުރަން ޖަލްސާގައި ހިމަނައިގެން ކަމަށްވެސް ވިދާޅުވިއެވެ.

ނަަމަވެސް ވަޒީރުންނާ ސުވާލު ކުރަން ހުށަހަޅުއްވާފައިވާ މެންބަރަށް ވަގުތު ދެއްވެން ނެތުމުން މިއަދުގެ ޖަލްސާއަށް އެއްވެސް ސުވާލެއް އެޖެންޑާ ނުކުރެވުނު ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން މާދަމާ ބާއްވާ މަޖިލިސް ޖަލްސާއަށްވެސް އިތުރު ސުވާލުތައް އެޖެންޑާ ކުރަން މަޖިލިސް އިދާރާއިން މަސައްކަތްކުރަމުންދާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. އެހެންކަމުން ވަޒީރާ ސުވާލު ކުރައްވަން ބޭނުންފުޅުވާނަމަ އެކަމަށްޓަކައި މެންބަރުން ވަގުތު ހުސްކޮށްދެއްވުމަށް ވެސް އަސްލަމް ވަނީ އެދި ވަޑައިގެންފައެވެ.

އަސްލަމް ވިދާޅުވީ މިނިސްޓަރުންނާ މެންބަރުން ކުރަން ހުށަހަޅުއްވާފައިވާ ސުވާލު ތަކުގެ ތެރޭގައި، ލިއުމުން ޖަވާބު ހޯއްދެވުމަ ށްއެދި ހުށަހަޅުއްވާފައިވާ ސުވާލެއްވެސް ހިމެނޭ ކަމަށެވެ. އެ ސުވާލަށް ޖަވާބު ހޯއްދަވައި މެންބަރާ ހިއްސާ ކުރައްވާނެ ކަމަަށްވެސް ވިާޅުވިއެވެ.

އަސްލަމް ވިދާޅުވީ، މަޖިލިސް ނިމެންދާ އިރު ގާނޫނު އަސާސީގެ 99 ވަނަ މާއްދާގެ (ނ)ގައި ބަޔާންކުރާ ގޮތުގެމަތިން މަޖިލީހަށް ހުށަހަޅާފައިވާ ޝަކުވާތަކާއި ސިޓީތަކުގެ ތެރެއިން މިހާތަނަށް ޖަވާބު ނުލިބޭ 322 މައްސަލަ އެބައޮތް ކަަމަށެވެ.

އާއްމު ގޮތެއްގައި އެކަމުގައި އަމަލު ކުރަމުންދާ ގޮތަކީ މަޖިލީހުގެ ރައީސަށް ފޮނުވާ ސިޓީތަކަށް މަޖިލީހުގެ އާއްމު ކޮމިޓީއަށް ފޮނުވައިގެން އެ ކޮމިޓީން ޖަވާބުދެވޭ ސިޓީތަކަށް ކޮމިޓީން ޖަވާބުދޭ ގޮތަށް ކަމަށެވެ. އަދި އެކި ފަރާތްތަކުން ހުށަހަޅާ ސިޓީތަކާއި ޝަކުވާތަކުގެ ތެރެއިން އާއްމު ކޮމިޓީން ޖަވާބު ނުދެވޭ މައްސަލަތައް އެކަމަކާ ބެހޭ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވައިގެން އެ ކޮމިޓީން އެކަންތައް ކުރިއަށް ގެންދިއުމެވެ.

އެހެންކަމުން އެ ހުރިހާ މައްސަލަތަކަކީ ކޮމިޓީތަކަށް ފޮނުވާފައިވާ މައްސަލަތަކެއް ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން އަންނަ ހޯމަ ދުވަހު ބާއްވާ 19 ވަނަ މަޖިލީހުގެ އެންމެ ފަހު ޖަލްސާއާ އެކު މަޖިލިސް ނިމުމުގެ ކުރިން އެ މައްސަލަތަކަށް ނިންމައިދިނުމަށް މަޖިލިސް ރައީސް ވަނީ ކޮމިޓީތަކުގެ މުގައްރިރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މަޖިލިސް ރައީސް ވިދާޅުވީ، މިމަހުގެ 10 ވަނަ ދުވަހަށް ސާކިއުލޭޓް ނުކުރެވޭ އެއްވެސް ކޮމިޓީ ރިޕޯޓެއް 13 ވަނަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ނުކުރެވޭނެ ކަމަށެވެ.

އެހެންކަމުން މިހާރު އޮތް 19 ވަނަ މަޖިލީހުން ނިންމަން ޖެހޭ ހުރިހާ ކަމެއް، މަޖިލިސް ގަވާއިދުގައިވާ ގޮތަށް، އެ ކަމެއްގެ ރިޕޯޓް ފަހު ޖަލްސާގެ ތިން ދުވަހުގެ ކުރިއަށް މަޖިލިސް މެންބަރުންނަށް ފޮނުވޭ ގޮތަށް ކޮމިޓީތަކުގެ މަސައްކަތް ނިންމުމަށް ވެސް މަޖިލިސް ރައީސް ކޮމިޓީތަކުގެ މުގައްރިރުންގެ ކިބައިން އެދި ވަޑައިގެންނެވިއެވެ.