ހިފާފައިވާ ބިންތަކުގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން މިހާތަނަށް ލާއިންސާނީ ޖަރީމާތައް ހިންގަމުން އައީ ދުނިޔޭގެ ގާނޫނަކަށް، ގަވާއިދަކަށް، އުސޫލަކަށް ބެލުމެއް ނެތިއެވެ. އިޒްރޭލުގެ ޖަރީމާތަކަކީ ދުނިޔޭގެ އެއްވެސް އިދާރާއަކުން ތަހުގީގުކުރާ ކަމަކަށް ނުވެއެވެ. ތަހުގީގު ކުރެވޭ ކަމަކަށްވެސް ނުވެއެވެ. އިޒްރޭލާ ޖެހުނީމާ އދ. އަކަށްވެސް އަދި އެހެން ބަޔަކަށްވެސް ކުރެވޭ މާބޮޑު ކަމެއް ނޯވެއެވެ. އިޒްރޭލު އޮންނަނީ ގާނޫނުތަކަށް ވުރެ މަތީގައެވެ. ގާނޫނުގެ ދިގުއަތް އިޒްރޭލާ ހަމަޔަކަށް ނުފޯރައެވެ. މިހެންވާން މެދުވެރިވުމުގެ ސިއްރަކީ އެމެރިކާ އާއި ހުޅަނގުގެ ސަޕޯޓެވެ. ހުޅަނގުން އިޒްރޭލު ދެކެވާ ލޯތްބެއްގެ ބޮޑުކަމެވެ. އެކަމަކު ގާޒާގައި މިހާރު ތަމްސީލުވަމުންދާ ކަންތައްތަކުގެ ސަބަބުން އިޒްރޭލުގެ ހިމާޔަތުގެ ދުލި ވަރަށް ބޮޑަށް ތުނިވެއްޖެ ކަމަށް ފެނެއެވެ. ބައެއް ތަންތަނުން ދުލި ފަޅައިގެން ހިނގައްޖެ ކަމަށް ވެސް ގަބޫލު ކުރެވެއެވެ. ނަތީޖާއެއްގެ ގޮތުން އިޒްރޭލް ކުށްވެރިކުރުމުގެ އަޑުތައް ވަނީ މިހާރު ގަދަވެފައެވެ.

ގާޒާގައި ފާއިތުވި ހައެއްކަ މަހު އިޒްރޭލުން ހިންގާފައިވާ ޖަރީމާތަކާ ގުޅިގެން އިޒްރޭލުގެ ސިޔާސީ ބައެއް ވެރިންނާއި އަސްކަރީ ބައެއް ވެރިންގެ މައްޗަށް ބޮޑުވެގެންވާ ހުކުމެއް އިއްވަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް، އައިސީސީން މިހާރު އެދަނީ ތައްޔާރުވަމުންނެވެ. ލަފާކުރެވޭ ގޮތުން މި ހަފުތާގެ ތެރޭގައި މިދެންނެވި ގިންތީގެ ބައެއް މީހުން ހައްޔަރުކުރުމުގެ އަމުރެއް އައިސީސީން ނެރޭނެއެވެ. މިކަހަލަ އަމުރެއް ނުނެރެ ފަރުޖެއްސޭތޯ އެމެރިކާއަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް އެދި އިޒްރޭލުން އާދޭސް ކުރަމުންދާ ކަމަށްވެސް ވަނީ ގަބޫލު ކުރެވިފައެވެ. ހިފާފައިވާ ބިންތަކުގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ޖަރީމާތަކުގެ މައްސަލަ މިދުވަސްކޮޅު ތަންކޮޅެއް ބޮޑަށް ހިލިގެން އުޅެނީ ގާޒާގެ ހަނގުރާމަޔާ ގުޅިގެންނެވެ. އައިސީސީގެ ތަހުގީގު ފެށިފައި އޮތީ މި ހަނގުރާމައަށް ވުރެ ވެސް ކުރިންނެވެ. މި ތަހުގީގެއް ހަގީގަތުގައި ފެށިފައިވަނީ 2021 ވަނަ އަހަރުއެވެ.

އައިސީސީގެ ނިންމުމަށް މި ފަހަކުން އައިސްފައިވާ ބަދަލަކީ ގާޒާގައި މިހާރު ހިންގަމުންދާ ޖަރީމާތައްވެސް މީގެތެރެއިން ބެލުމަށް ނިންމި ނިންމުމެވެ. އިޒްރޭލަކީ އައިސީސީ ވުޖޫދުކުރުމުގެ މުއާހަދާގައި ސޮއިކޮށްފައިވާ ގައުމެއް ނޫނެވެ. އަދި އައިސީސީގެ ގާނޫނީ ހައިސިއްޔަތު ގަބޫލުކުރާ ގައުމެއްވެސް ނޫނެވެ. މީގެ މާނަޔަކީ ކޮބައިބާވައެވެ. މީގެ މާނަޔަކީ އިޒްރޭލުގެ އަމަލުތައް ތަހުގީގު ކުރުމުގެ އިހުތިޔާރު އައިސީސީއަށް ނެތުމެވެ. އެކަމަކު މި މުއާހަދާގައި ސޮއިކޮށްފައިވާ ބައެއްގެ ސަރަހައްދުގައި އިޒްރޭލުން ޖަރީމާއެއް ހިންގައިފިއްޔާ އެ ޖަރީމާއެއް ތަހުގީގުކޮށް ބަލައި ހުކުމެއް އިއްވުމުގެ އިހުތިޔާރު އައިސީސީއަށް އެބައޮތެވެ. ފަލަސްތީނަކީ މި މުއާހަދާ ބަލައިގެންފައިވާ ފަރާތެކެވެ. ގާޒާ އާއި ހުޅަނގުއައްސޭރިއަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ފަލަސްތީނުގެ ސަރަހައްދުތަކެވެ. އެހެންވީމާ ގާޒާޔާއި ހުޅަނގުއައްސޭރީގައި އިޒްރޭލުން ހިންގާފައިވާ އަދި ހިންގަމުންދާ ޖަރީމާތައް ތަހުގީގުކުރުމުގެ އިހުތިޔާރު އައިސީސީއަށް ލިބިގެންވެއެވެ. އެކަމަށް އެއްވެސް ހުރަހެއް ނެތެވެ.

އައިސީސީ އުފެއްދުމުގެ މުއާހަދާގައި ފަލަސްތީނު ބައިވެރިވެފައިވަނީ 2015 ވަނަ އަހަރުއެވެ. އެހެންވީމާ ފަލަސްތީނުގެ ސަރަހައްދުގައި އިޒްރޭލުވިޔަސް އެމެރިކާވިޔަސް އަދި އެހެން ބަޔަކު ވިޔަސް ހިންގާ ޖަރީމާއެއް ތަހުގީގުކޮށް ހުކުމެއް އިއްވުމުގެ ގާނޫނީ ޒިންމާ އައިސީސީއަށް އެބައޮތެވެ. އިޒްރޭލުގެ ބޮޑުވަޒީރާއި އޭނާގެ ކެބިނެޓުގެ ވަޒީރުންނާއި ސިފައިންގެ އެކިވަރުވަރުގެ ކޮމާންޑަރުން ހައްޔަރު ކުރުމުގެ އަމުރު އައިސީސީއަށް ނެރެވިދާނެއެވެ. މީގެ ދޮޅު އަހަރު ކުރިން ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން ހައްޔަރުކުރުމަށް އަމުރު ނެރުނު ބީދައިންނެވެ. އެފަދަ އަމުރެއް ނެރެފިއްޔާ މި މުއާހަދާގައި ސޮއިކޮށްގެން ތިބި ގައުމުތަކުގެ ތެރެއިން ގައުމަކަށް އެއިން މީހަކު އެތެރެވާ ތަނުން އެމީހަކު ހިފައި ހައްޔަރުކޮށް އައިސީސީއާ ހަވާލުކުރުމަކީ އެގައުމެއްގެ ޒިންމާއެކެވެ. ލަފާކުރެވެނީ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ އާއި ދިފާއީ ވަޒީރު ޔިއާވް ގަލަންޓް އަދި އަސްކަރިއްޔާގެ ވެރިޔާ ހާޒީ ހެލެވީއަކީ ހައްޔަރު ކުރުމުގެ އަމުރު އަންނާނެ މީހުން ކަމުގައެވެ.

އެމީހުންގެ މައްޗަށް ހައްޔަރުކުރުމުގެ އަމުރެއް އައުމަކީ އެމީހުންގެ ސިޔާސީ އަދި އަސްކަރީ ކުރިމަގަށް ހިޔަނި އެޅިގެންދާނެ ކަމެކެވެ. އިޒްރޭލު މިހާރު ކަންބޮޑުވެ ތެޅިފޮޅޭ ސަބަބަކީ އެއީއެވެ. ކުރިން މިދެންނެވި މީހުން ކުށްވެރިވާ ކަމަށް އައިސީސީން ނިންމާ އިރު އެކުށްވެރިވުމެއްގެ އަސާސަކަށްވާނެ ކަމަށް ހީކުރެވެނީ ފަލަސްތީނުގެ ރައްޔިތުން ބަނޑަށް ޖެއްސުމާއި ބޯފެނާއި ކާނާ ސިޔާސީ އަދި އަސްކަރީ ހަތިޔާރަކަށް ހަދައިގެން އުޅޭ އުޅުމެވެ. ގާޒާއާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ޖަރީމާތަކުގައި ފާއިތުވި ހައެއްކަ މަސް ދުވަހުގެ ތެރޭގައި ގާޒާއިން 35 ހާހަށްވުރެ ގިނަ މީހުން ފަނާވެއްޖެއެވެ. މުޅި ގާޒާ އެއޮތީ ފުނޑުފުނޑުވެފައެވެ. ފަލަސްތީނުގެ ދެ މިލިޔަނެއްހައި މީހުން އެތިބީ ބަނޑަށް ޖެހިފައެވެ. މިކަންކަން މިހެންހުރީމާ އިޒްރޭލުގެ ވެރިން ކުށްވެރިވާކަން ސާބިތުކުރުމަށް އެންމެ ފަސޭހަ މަގަކީ ކުރިން ދެންނެވި މަގެވެ. އިޒްރޭލުގެ މި ޖަރީމާތައް ދިފާއު ކުރުމަށް ދައްކާ ބަހަނާޔަކީ ނުވަތަ އުޒުރަކީ މިއީ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރާ ކަމެއް ކަމުގައެވެ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާއްމުގެ މައްސަލައިގައި ހުކުމެއް އިއްވުން އޮތީ ހަމައެކަނި އައިސީސީއަކަށް ނޫނެވެ. އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް، އައިސީޖޭއަށްވެސް އެ ޒިންމާ އެބައޮތެވެ. އައިސީޖޭއަކީ އދ. ގެ އެންމެމަތީ ކޯޓެވެ. އެ ކޯޓަށްވެސް އިޒްރޭލުގެ ޖަރީމާތަކުގެ މައްސަލަތައް ވަނީ ހުށައެޅިފައެވެ. މި ދެ ކޯޓުވެސް ގާއިމުވެގެންވަނީ ހޮލެންޑުގެ ދަ ހޭގުގައެވެ. އިޒްރޭލުގެ ވެރިންނަކީ ހަނގުރާމައިގެ ކުށްވެރިންގެ ގޮތުގައި ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ ހުކުމެއް އައީމާ ދެން ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން އިނގިރޭސިވިލާތާއި ޖަރުމަނާއި ފްރާންސް ފަދަ ގައުމުތަކަށް އިޒްރޭލުގެ އަމަލުތައް ގިރިޓީކުރަން ދެއްކޭނެ މާބޮޑު ވާހަކަތަކެއް ނޯންނާނެއެވެ. އައިސީސީއަކީ ސިޔާސީ ކުލަޖެހިފައިވާ ކޯޓެކޭ ބުނެ އެ ކޯޓުގެ ހުކުމް ބަލައިނުގަންނަން ހުޅަނގުގެ ގައުމުތަކުން ނިންމައިފިއްޔާ ދެން ރޯމް މުއާހަދާގެ ބޭނުމެއް ނޯންނާނެއެވެ. އައިސީސީގެ ބޭނުމެއްވެސް ނޯންނާނެއެވެ.