ގަވައިދާ ހިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ހައްލުކުރުމަށް ހުރިހާ ބިދޭސީންގެ ފޮޓޯ އާއި ފިންގަޕްރިންޓް ނެގުމުގެ އޮޕަރޭޝަން ފަށައިފިއެވެ.

"އޮޕަރޭޝަން ކުރަނގި"ގެ ނަން ދީފައިވާ އެ އޮޕަރޭޝަން ރަސްމީކޮށް ފައްޓަވައިދެއްވީ މިއަދު ކ. ހިންމަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާނެވެ.

އެ ރަސްމިއްޔާތުގައި އިހުސާން ވިދާޅުވީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހޯމްލޭންޑް ސެކިއުރިޓީގެ ފުރާޅުގެ ދަށަށް ފުލުހުންނާއި އިމިގްރޭޝަން ގެނައީ ރައީސުލްޖުމްހޫއިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދުރުވިސްނުންފުޅާއެކު ކަމަށެވެ. އަދި އެ މަސައްކަތުގެ ދަށުން ފާއިތުވި ފަސް މަސް ދުވަހުގެތެރޭ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެ މައްސަލައިގެ ދާއިމީ ހައްލު ހޯދާނެ ގޮތްތައް ހޯދާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"މި މުޅި މަސައްކަތަކީ ޖުމުލަ ތިން އަހަރުތެރޭ ނިންމުމަށް ހިފާ މަސައްކަތެއް. މީގެ ފުރަތަމަ ބައި ނިންމުމަށް މި ބަލަނީ އެއް އަހަރު ދުވަހު ތެރޭ" އިހުސާން ވިދާޅުވިއެެވެ.

އޭނާ ވިދާޅުވި ގޮތުގައި، ފުރަތަމަ އަހަރުތެރޭ ކުރަން ނިންމާފައިވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އެ މިނިސްޓްރީގެ ސިސްޓަމްސްގެ ތެރެއަށް ގެނައުން ކަމަށެވެ. އެ މަސައްކަތުގެ ދަށުން މިއަދު ފެށި އޮޕަރޭޝަންގެ ދަށުން ބިދޭސީންގެ ފިންގާ ޕްރިންޓް އަދި ފޮޓޯ އާއެކު ބައޯމެޓްރިކް ޑޭޓާއެއް ނަގައި، އެ މީހުންގެ މައުލޫމާތު އެ މިނިސްޓްރީގެ ސެންޓްރަލް ސިސްޓަމަށް ނަގާނެ ކަމަށް ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ، އެ މަސައްކަތް ނިމޭއިރު ރާއްޖެއަށް އެކި މީހުންގެ ނަންނަމުގައާއި ވަކި ފަރުދުންގެ ނަމުގައާއި އެކި މަސައްކަތްކުރާ ކުންފުނިތަކުގެ ނަންނަމުގައި ރާއްޖެ އެތެރެވެ، ކޮންމެވެސް މައްސަލައެއް ދިމާވެގެން، ބިދޭސީ މީހާ ފިލައިގެން ނުވަތަ ބަދަލުވެގެން އައިސް ހިންމަފުށީގައި ކޮންމެސް މަސައްކަތެއް ކުރަން ހުރި މީހެއްކަން އެ މިނިސްޓްރީގެ ސިސްޓަމްގެ ތެރެއިން އެނގިގެންދާނެ ކަމަށެވެ.