އެމްޕްލޯއިމަންޓް ބިއުރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް 20.5 މިލިއަން ރުފިޔާ ދޭން މިފްކޯގެ މައްޗަށް ސިވިލް ކޯޓުން ކުރި އަމުރު ތަންފީޒު ކުރުމުގެ މައްސަލަ މި ވަގުތު ކުރިއަށް ގެންދެވެން ނެތް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ މިފްކޯގެ ތެޔޮ ޓޭންކަރެއް ކަމުގައިވާ "އެމްޓީ ބަރީސާ 101" ނީލަމުގައި ވިއްކާލަން 2010ގެ އޮކްޓޯބަރު ހަތަރުވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން އެ އުޅަނދު 800،000 ރުފިޔާއަށް ގަތުމަށް އެމްޕްލޯއިމަންޓް ބިއުރޯ އިން، އެ އަހަރުގެ ނޮވެމްބަރު ދެވަނަ ދުވަހު ހުށަހެޅި ހުށަހެޅުމަށް އެއްބަސްވުމަށްފަހު އެއަށް އަަމަލުނުކޮށް އެކަމާ ހިލާފުވުމުގެ ސަބަބުން ހުށަހެޅި މައްސަލައެވެ.

މި ނީލަމުގައި އެމްލޯއިމެންޓް ބިއުރޯ އިން ހުށަހެޅި އިޖާބާއި ގަބޫލު ފުރިހަމަވެފައިވީ ނަމަވެސް މިފްކޯ އިން އެ އަގުދާ ހިލާފުވެ، އެ އަގުދުގެ ދަށުން ފުރިހަމަކުރަންޖެހޭ އިލްތިޒާމުތައް އަދާކޮށްފައި ނުވާތީ ގެއްލުމުގެ ބަދަލު ހޯދުމަށް އެމްލޯއިމެންޓް ބިއުރޯ އިން ސިވިލް ކޯޓަށް ހުށަހެޅިއެވެ.

އެ ފަރާތުން އެދުނީ މި މައްސަލައިގައި އެ ފަރާތުން ކުރި ގާނޫނީ މަސައްކަތަށް ހަރަދުކުރި ފައިސާގެ ތެރެއިން 500،000 ރުފިޔާއާއި އެ އަގުދާ ހިލާފުވެ އެއްބަސްވުމުގެ ދަށުން ވިއްކުމަށް އަގުދުކުރި ތެޔޮ ޓޭންކަރު މިފްކޯ އިން ވިއްކާފައި ނުވުމުގެ ސަބަބުން، އެ އުޅަނދުން މަންފާ ހާސިލުކުރުމުގެ ހައްގު ގެއްލިފައިވާތީ 2012 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރުގެ ނިޔަލަށް އެ އުޅަނދުން މަންފާ ހާސިލުކުރުމުގެ ހައްގު އެމްޕްލޯއިމަންޓް ބިއުރޯއަށް ގެއްލިފައިވާތީ އެ މުއްދަތުގައި އެ ފަރާތަށް ލިބޭނެ ކަމަށް ލަފާކުރާ ގެއްލުމުގެ ބަދަލުގެ ތެރެއިން ބައެއް ކަމަށްވާ 20 މިލިޔަން ރުފިޔާ އާއެކު ޖުމުލަ 20.5 މިލިއަން ރުފިޔާ އެކީ އެއްފަހަރާ ދެއްކުމަށް މިފްކޯއަށް އަމުރު ކޮށްދިނުމަށެވެ.

މި މައްސަލަ ބެލުމަށްފަހު އެ ފައިސާއަކީ މިފްކޯ އިން ދައްކަންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި، އެ މައްސަލައިގައި ހުކުމްކުރި ދުވަސް ކަމަށްވާ މިދިޔަ އަހަރުގެ ނޮވެމްބަރު އަށްވަނަ ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެ ފައިސާ އެކީ އެއްފަހަރާ އެމްޕްލޯއިމަންޓް ބިއުރޯ އަށް ދެއްކުމަށްޓަކައި ސިވިލް ކޯޓަށް ދެއްކުމަށް އެ ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ނަމަވެސް އެ ހުކުމަކީ މިފްކޯގެ ގައިރު ހާޒިރުގައި ކޮށްފައިވާ ހުކުމެއް ކަަމަށް ބުނެ އެ ހުކުމް ބާތިލުކުރުމަށް ނުވަތަ ބަދަލުކުރުމަށް އެދި މިފްކޯ އިން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ. އެ މައްސަލައަށް ގޮތެއް ނިމެންދެން 20.5 މިލިއަން ރުފިޔާ ދެއްކުމަށް ކުރި ހުކުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކަށް މިފްކޯ އިން އެދިފައިވާތީ މިދިޔަ ފެބްރުއަރީ މަހު ސިވިލް ކޯޓުން ވަނީ އެގޮތަށް އަމުރުވެސް ނެރެފައެވެ.

ނަމަވެސް އެ ހުކުމް ތަންފީޒު ކޮށްދިނުމަށް އެދި އެމްޕްލޯއިމަންޓް ބިއުރޯގެ ފަރާތުން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.

އެ މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ 20.5 މިލިއަން ރުފިޔާ އެމްޕްލޯއިމަންޓް ބިއުރޯއަށް ދިނުމަށް މިފްކޯގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލުކުރުމަށް ނުވަތަ ބަދަލުކުރުމަށް އެދި މިފްކޯ އިން އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ގޮތެއް ކަނޑައެޅުމުގެ ކުރިން 20.5 މިލިއަން ރުފިޔާ ދިނުމަށް ކޮށްފައިވާ އަމުރު ތަންފީޒުކުރުމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތަނެއް ނެތް ކަމަށެވެ.