ބަންޑުން ޖަހާލި ކޮޅުވެއްޓި ދަށުން ނެގި މީހާ އޮތީ މަރުވެފައި ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރު ކުރަމުންދިޔަ "ލިއޯ ޕާލް" ނަމަކަށް ކިޔާ އެ ކޮޅުވެއްޓި ބަންޑުން ޖަހާލައިގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފެށީ މިއަދު ފަތިހެވެ.

ކޮޅުވެއްޓި ބަންޑުން ޖަހާލި އިރު، އޭގައި ފަސް މީހުން ތިއްބެވެ. އެ މީހުންގެ ތެރެއިން ހަތަރު މީހުން ކަނޑުވެފައި ވަނިކޮށް ފެނިގެން ރޭ ފަތިހު ސީ އެމްބިއުލޭންސް 21 އަށް ވަނީ ނަގައިފައެވެ.

އޭގެން ދަތުރުކުރި ބިދޭސީ މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ ބަންޑުން ޖަހާލި ކޮޅުވެއްޓިގެ ދަށުންނެވެ.

އެމްއެންޑީއެފް އިން ފުރަތަމަ ބުނީ، ކޯސްޓްގާޑުގެ ޑައިވަރުންނަށް އޭނާ ފެނުނުއިރު އޮތީ ހަރަކާތް ހުއްޓިފައެވެ. އަދި އެ މީހާގެ ހަށިގަނޑު ކ. ކާށިދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް އެ މީހާ ބެއްލެވި ޑޮކްޓަރުންނާ ހަވާލާދީ އެމްއެންޑީއެފް އިން ބުންޏެވެ.