ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުން ނުވަތަ ވާނުވާއަށް އޮތް ހައްލަކީ ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ހިންގާނެ ޖާގަ ހަމަޖައްސައިދިނުން ކަމަށާއި ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ހުޅުމާލޭގައި ހަދާ ކޯޓު އިމާރާތުގެ މަސައްކަތް ނިމި އެތަން ކުރިމިނަލް ކޯޓާ ހަވާލުކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
"އަހާ" ފޯރަމްގައި މީހަކު މިރޭ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިހުސާން ވިދާޅުވީ ކުރިމިނަލް ކޯޓުގެ ޖާގައިގެ ދަތިކަން ވަރަށް ބޮޑު ކަމަށާއި ޝަރީއަތްތައް މިހާރު ބާއްވަނީ އެ ކޯޓުގެ އެންމެ ކޮޓަރިއެއްގައި ކަމަށެވެ. އަދި ކުރިމިނަލް ކޯޓުގައި 12 ގާޒީން މަސައްކަތް ކުރައްވާ އިރު، ޝަރީއަތްތައް ބޭއްވުމަށް ގާޒީންނަށް ކޮޓަރި ނުލިބޭ ކަމަށް ވިދާޅުވިއެވެ.
"މިހާރު އެ ހުރީ ތަނެއް ހޯދާފައި. ހުޅުމާލޭގައި ހުރި އެ އިމާރާތް ކުރިމިނަލް ކޯޓަށް ދޭން ދެތިން މަސްދުވަހުގެ ތެރޭގައި އެއްކޮށް ނިންމާފައި ހަވާލުކުރެވޭނެ،" އިހުސާން ވިދާޅުވިއެވެ.
"އެހާ ހިސާބުން ވާނުވާގައި ތިބި މީހުންގެ މައްސަލަތައް އަވަސްކުރެވޭނެ. ވާނުވާ އެއްކޮށް ހައްލުވާނެ"
އިހުސާން ވިދާޅުވީ ވާނުވާގެ މައްސަލަ އެއްކޮށް ހައްލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ. ސަރުކާރުން ގެންދަނީ ވާނުވާގެ މައްސަލަ ހައްލުކުރުމަށް ވަރަށް އިސްކަމެއް ދެމުން ކަމަށް އިހުސާން ވިދާޅުވިއެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ތިބުން ނުވަތަ ވާނުވާ މައްސަލައިގެ އަސްލަކީ ކޮބައިތޯ ދެނެގަތުމަށް ސަރުކާރުން މަސައްކަތް ކޮށްފައިވާ ކަމަށާއި އެގޮތުން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަވެފައިވަނީ ޖިނާއީ އަދުލުގެ ނިޒާމު ލަސްވުން ކަމަށް އިހުސާން ވިދާޅުވިއެވެ. އެ މައްސަލަ ހައްލުކުރުމުގެ ގޮތުން ފުލުހުންގެ ތަހުގީގުތައް ކުރިން ދުވަހަކު ވެސް ނުކުރާހާ އަވަސް ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ތަހުގީގު ނުނިމިގެން ދެން މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ނުބައިތިއްބާނެ ކަމަށާއި ހުކުމެއްގައި ނޫން ގޮތަކަށް އެންމެ ދުވަހަކަށް ވެސް މީހަކު ޖަލު ބަންދުގައި ހުންނަން ބޭނުންނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު