ގައުމީ އެއާލައިން މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓްތަކުގެ އޮޕަރޭޝަންތައް މި އަހަރުގެ އޮކްޓޫބަރު ފަހުކޮޅު ފެށޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އާންމުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް ސަރުކާރުން ބާއްވާ "އަހާ" ފޯރަމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަމީން ވިދާޅުވީ މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓް އޮޕަރޭޝަންތައް ފެށުމުގައި ވަރަށް ބޮޑެތި ކުރިއެރުންތައް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ އެއާކްރާފްޓުތައް ގަތުމަށްފަހު ރާއްޖެއަށް ރަޖިސްޓްރީ ބަދަލުކުރުމަކީ ވަރަށް ވަގުތު ނަގާ ކަމެއް ކަމަށެވެ.
"އެހެންވީމާ މި އަހަރު ނިމުމުގެ ކުރިން، އިރާދަކުރެއްވިއްޔާ، އޮކްޓޫބަރު ފަހުކޮޅު ނޫނިއްޔާމު ނޮވެމްބަރާ ހިސާބަށް ދާއިރު އަޅުގަނޑުމެންގެ ގައުމީ އެއާލައިން ޗައިނާގެ ސިޓީތަކަށާއި ޔޫރަޕުގެ ބައެއް ސިޓީތަކަށް ފެށުމަށްޓަކައި ސީދާ ޝެޑިއުލްކޮށް މި މަސައްކަތް ފެށޭނެ. އެ ހިސާބަށް ދާއިރު އޮންނާނީ ގައުމީ އެއާލައިން ވައިޑް ބޮޑީ އޮޕަރޭޝަންސްއާ އެކީ ފެށިފައި،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓްތަކުގެ އޮޕަރޭޝަންތައް ފެށުމަކީ ސަރުކާރުން ކުރަން ބޭނުންވާ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އަދި އެކަމަކީ ގައުމީ މަސައްކަތެއްގެ ގޮތުގައި ކުރަންޖެހޭ މަސައްކަތެއް ކަމަށާއި އެކަން ކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މޯލްޑިވިއަންއަށް ވައިޑްބޮޑީ ދެ ބޯޓު ގެންނަން ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭން ކެބިނެޓުން ނިންމީ މިދިޔަ ޑިސެމްބަރު މަހުއެވެ. އަދި މޯލްޑިވިއަންއަށް ވައިޑް ބޮޑީ ބޯޓު ތައާރަފު ކުރުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި އެއީ ފުރަތަމަ 100 ދުވަހު ކުރުމަށް ނިންމާފައިވާ ކަންކަމުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ.
މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ދަތުރުތައް އިތުރުކޮށް، ދުރު މަންޒިލުތަކަށް ފުލައިޓުތައް ތައާރަފު ކުރުމަށާއި ރާއްޖޭގެ ފަތުރުވެރިކަން ފުޅާކޮށް ކުރިއެރުވުމަށް ބޮއިން 787 މަރުކާގެ ބޯޓެއް ކުއްޔަށް ނެގުމަށް އައިލެންޑް އޭވިއޭޝަނުން ވަނީ މިދިޔަ ޖެނުއަރީ މަހު އިއުލާން ކޮށްފައެވެ.
މީގެ އިތުރުން ބައިނަލްއަގުވާމީ ދަތުރުތައް ކުރުމަށް އެއާބަސް އޭ330-200 މަރުކާގެ ބޯޓެއް ޑްރައި ލީސްއަށް ފަސް އަހަރުގެ މުއްދަތަށް ކުއްޔަށް ނެގުމަށް ވެސް އައިލެންޑް އޭވިއޭޝަނުން ވަނީ މިދިޔަ ޑިސެމްބަރު މަހު އިއުލާން ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު