އައްޑު ސިޓީއަށް ކުރި ވިއްސާރައިގައި، ފޭދޫގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، 40 އަށްވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން ވެއްޖެއެވެ.
ނޭޝަނަލް ޑިސާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ކުރި އެކްސް ޕޯސްޓެއްގައި ބުނީ، އިއްޔެ ކުރި ވިއްސާރައިގައި ފޭދޫގެ 40 އަށްވުރެ ގިނަ ގެއަށް ވާރޭގެ އަސަރުކޮށްފައިވާ ކަމަށެވެ. އަދި އިތުރަށް ގޭގެއަށް ފެން ވަނުން ކޮންޓްރޯލު ކުރުމުގައި އެ ސިޓީގެ އަވަށު އޮފީހާއި ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
"އެގޮތުން ޖުމްލަ ފަސް ގެއަކުން މީހުން ހުސްކުރަން ޖެހިފައިވޭ. ވަގުތީ ބޯހިޔާވަހިކަމަށް ބަދަލު ކުރެވުނީ ދެ ގެއެއްގެ މީހުން. އެހެން ގެތަކުން ބަދަލުވީ އާއިލީ ގެތަކަށް،" އެންޑީއެމްއޭ އިން ބުންޏެވެ.
އައްޑޫ ސިޓީ ކައުންސިލުގެ ފޭސްބުކް ކުރި ޕޯސްޓެއްގައި ބުނީ، އެ ސިޓީއަށް ކުރި ވިއްސާރައިގައި، ފޭދޫގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ ގޭގެޔަށް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށެވެ. އޭގެތެރެއިން ދެ ގެއެއްގެ މީހުން އެހެން ތަނަކަށް ބަދަލުކުރި ކަމަށެވެ.
އޭގެއިތުރުން 40 އަށްވުރެ ގިނަ ގެއަށް ފެންވަދެގެން އެ ސިޓީ ކައުންސިލް އިދާރާއަށް ރިޕޯޓުކުރި ކަމަށެވެ. އަދި ފެންވަދެފައިވާ ގޭގެއަށް ފެން ވަނުން ހުއްޓުވުމަށް އެމްއެންޑީއެފް ސަދާން އޭރިޔާގެ ސިފައިންނާއި ގަން ޕޮލިހުންގެ އެހީތެރިކަން ލިބިފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
މެޓް އޮފީހުގެ ފާއިތުވި 24 ގަޑިއިރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އާ ހަމައަށް އެންމެ ގިނައިން ވާރޭ ވެހުނީ އައްޑޫ ސިޓީގެ ގަމަށެވެ. އެއީ 167.7 މިލިލީޓަރުގެ ވާރޭއެވެ.
ޚަބަރު
ޚަބަރު
ޚަބަރު