މަސްތުވާތަކެތީގެ މުއާމަލާތްތަކާއި ހަށިވިއްކުމަށް ހާއްސަކޮށްގެން ޓެލެގްރާމް ޗެނެލްތަކެއް ހިންގި މައްސަލައިގައި، ހައްޔަރު ކުރި އަންހެން މީހާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.
ޖަޒީރާ އެޑްމިން، ޖަޒީރާ ގާލްސް، ޖަޒީރާ ސްކޭމް އެލާޓް، ޖަޒީރާ ލިންކް ހަބަރު އަދި ޖަޒީރާ އެސްކޯޓް ގެލެރީގެ ނަމުގައި މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ހަށިވިއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރި ފަދަ ހުއްދަ ނޫން އެތައް ވިޔަފާރިއެއް ހިންގަމުން ދިޔަ ޓެލެގްރާމް ގުރޫޕްތަކެއްގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އިން ތަހުގީގު ކުރިއެވެ.
ފުލުހުން ކުރި ތަހުގީގުތަކުން، އެ ޗެނަލްތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ އުމުރުން 28 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ އަންހެނަކު މިދިޔަ މަހު ހައްޔަރު ކުރިއެވެ. އެއީ ދެމަފިރިންނެވެ.
އޭގެ ތެރެއިން އަންހެން މީހާގެ ބަންދުގެ މުއްދަތު ހަމަވާތީ، އިއްޔެ ފުލުހުން ވަނީ އޭނާ ކޯޓަށް ހާޒިރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދިފައެވެ. ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ދީފައެވެ.
އިސްކަންދަރު ކޮށީގައި މިދިޔަ މަހު 30ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ސައިބާ ޕޮލިސިން ސެންޓަރުގައި މަސައްކަތްކުރައްވާ އިންވެސްޓިގޭޓިވް އޮފިސަރު އާމިނަތު މުހައްމަދު ވިދާޅުވި ގޮތުގައި ޓެލެގުރާމް ޗެނެލްތައް ހިންގާ މީހުންނަށް އެހީތެރިވެ، ހަށިވިއްކަން މީހުން އެކި ތަންތަނަށް އުފުލަނީ އެކަމަށް ހާއްސަ ޓެކްސީއެއްގައި ޓެކްސީ ޑްރައިވަރާވެސް ގުޅިގެންނެވެ. އަދި ޖަޒީރާގެ ނަމުގައި ހިންގި ޗެނަލްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރު ވެސް 7،000 އެއްހާ މީހުން އެ ޕޭޖު ފޮލޯ ކުރަމުން ދިޔަ ކަމަށެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަނީ ޓެކްސީ ޑްރައިވަރު ވެސް ހައްޔަރު ކޮށްފައެވެ. އުމުރުން 60 އަހަރުގެ އެ ފިރިހެން މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު