ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ނޮޅިވަރަމް ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވި މުހައްމަދު ރަޝީދު (ރަޝީދުބެ)، ސަރުކާރު ހިންގާ ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.

ޕީއެންސީން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ރަޝީދުބެ އެ ޕާޓީއަށް ސޮއިކުރައްވާފައިވާކަން ކަށަވަރުކޮށްދީފައެވެ.

ރަޝީދުބެގެ އިތުރުން ވެސް މަޖިލީހުގެ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވައި އިންތިހާބު ކާމިޔާބުކުރެއްވި ހަ ކެންޑިޑޭޓަކު ވަނީ ސަރުކާރު ހިންގާ ޕީއެންސީއަށް ސޮއިކުރައްވައިފައެވެ.

ޕީއެންސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި މުލިއާގޭގައި އެ ބޭފުޅުން ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެކު ނަންގަވާފައިވާ ފޮޓޯއެއް ހިއްސާކޮށް ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރެއްވި ބައެއް ކެންޑިޑޭޓުން، އެ ޕާޓީއަށް އިއްޔެ ސޮއިކޮށްފައިވާ ކަމަށެވެ. އެ މެންބަރުންނަކީ؛

  • ޑރ. އަނާރާ ނައީމް – ހުރާ ދާއިރާ
  • ހަސަން ޒަރީރު – މަތިވެރި ދާއިރާ
  • އަހުމަދު ޒަމީރު – މައްޗަންގޮޅި މެދު ދާއިރާ
  • އަހުމަދު ރިޔާޒް – ތިމަރަފުށި ދާއިރާ
  • ޔާސީން އަބުދުﷲ - ނައިފަރު ދާއިރާ
  • އާޒިމް އަބްދުލް އަޒީޒް – ވިލިނގިލި ދާއިރާ

އެ ހަ ކެންޑިޑޭޓުންނަކީ ސަރުކާރުގެ ތާއީދާއެކު އިންތިހާބުގައި ވާދަކުރެއްވި ހަ ކެންޑިޑޭޓުންނެވެ. މީގެ ތެރެއިން ފަސް ބޭފުޅުންނަކީ ކުރިންވެސް ޕީއެންސީގެ ދަފްތަރުގައި ތިއްބެވި ބޭފުޅުންނެވެ.

ކުރިއަށް އޮތް މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދަކީ 93 އެވެ. އަދި ސުޕަމެޖޯރިޓީ އަކީ 70 އެވެ. މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ޕީއެންސީން ވަނީ 66 ގޮނޑި ކާމިޔާބުކޮށްފައެވެ. މި ހަތް ބޭފުޅުންނާއެކު ޕީއެންސީގެ މަޖިލިސް މެންބަރުންގެ އަދަދު ވަނީ 73 އަށް އަރައިފައެވެ. އެހެންކަމުން ޕީއެންސީއަށް އެކަނިވެސް މިހާރު ވަނީ ސުޕަމެޖީރިޓީ ލިބިފައެވެ.

މީގެ އިތުރުން ސަރުކާރުގެ ތާއީދާއެކު ޖުމްހޫރީ ޕާޓީގެ މެންބަރަކާއި އެމްއެންޕީގެ މެންބަރަކާއި އެމްޑީއޭގެ ދެ މެންބަރުން ވެސް އިންތިހާބުވިއެވެ. އެހެންކަމުން ސަރުކާރު ކޯލިޝަންގެ ސުޕަމެޖީރިޓީގެ ޖުމުލަ އަދަދު 77 އަށް އަރައެވެ.

އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށަހަޅައިގެން ފާސް ކުރި އެންޓި-ޑިފެކްޝަން ބިލު ރައީސް މުއިއްޒު މި މަހު 16 ވަނަ ދުވަހު ތަސްދީގުކުރުމާއެކު ވަނީ ގާނޫނަކަށް ވެފައެވެ. އެ ގާނޫނުގައިވާ ފަސް ހާލަތުން ކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ލަސްވެގެން ހަތް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން އެކަން ރައްޔިތުންގެ މަޖިލީހަށް އަންގަންވާނެއެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އެކަން ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެ މީހަކު މަޖިލިސް މެންބަރުކަމުން އިސްތިއުފާދޭން ވާނެ ކަމަށް މި ގާނޫނުގައިވެއެވެ.

އެގޮތުން އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރަކު އެމީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ، އެ މެންބަރަކު އިސްތިއުފާ ދޭން ޖެހޭނެއެވެ. ނަމަވެސް އެ މެންބަރަކު ހުވާ ކުރެއްވުމުގެ ކުރިން ޕާޓީއަކަށް ސޮއިކޮށްފި ނަމަ، އެ ހާލަތުގައި ކަން ކުރަން ޖެހޭ ގޮތް ބަޔާންކޮށްފައެއް ނުވެއެވެ.