ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި އިންތިހާބު ކާމިޔާބު ކުރެއްވި ހަ ކެންޑިޑޭޓަކު ސަރުކާރު ހިންގާ ޕީއެންސީއަށް ސޮއިކުރެއްވި ނަމަވެސް އެ ބޭފުޅުންގެ ޝަރުތު އުނި ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.

އަމިއްލަ ގޮތުން ވާދަކުރައްވައި އިންތިހާބު ކާމިޔާބު ކުރެއްވި ހަ ކެންޑިޑޭޓަކު ޕީއެންސީއަށް ސޮއިކުރެއްވީ މުލިއާގޭގައި ރޭ ބޭއްވި ހަފުލާއެއްގެ ތެރެއިންނެވެ. އެ ކެންޑިޑޭޓުންނަކީ:

  • ޑރ. އަނާރާ ނައީމް – ހުރާ ދާއިރާ
  • ހަސަން ޒަރީރު – މަތިވެރި ދާއިރާ
  • އަހުމަދު ޒަމީރު – މައްޗަންގޮޅި މެދު ދާއިރާ
  • އަހުމަދު ރިޔާޒް – ތިމަރަފުށި ދާއިރާ
  • ޔާސީން އަބުދުﷲ - ނައިފަރު ދާއިރާ
  • އާޒިމް އަބްދުލް އަޒީޒް – ވިލިނގިލި ދާއިރާ

މި ހަ ކެންޑިޑޭޓުންނަކީ ސަރުކާރުގެ ތާއީދާ އެކު އިންތިހާބުގައި ވާދަކުރެއްވި ހަ ކެންޑިޑޭޓުންނެވެ. މީގެ ތެރެއިން ފަސް ބޭފުޅުންނަކީ ކުރިންވެސް ޕީއެންސީގެ ދަފްތަރުގައި ތިއްބެވި ބޭފުޅުންނެވެ

ހަބީބު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ބޭފުޅުން ޕީއެންސީއަށް ސޮއިކުރެއްވި ނަމަވެސް ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތައް އުނިނުވާ ކަމަށާއި އެންޓި ޑިފެކްޝަންސް ގާނޫނާވެސް ހިލާފުނުވާ ކަމަށެވެ.

"ގާނޫނުއަސާސީގެ 72 ވަނަ މާއްދާގެ (ނ) ގައި ބުނާ ޝަރުތުތަކުންކުރެ ޝަރުތެއް މި 6 ބޭފުޅުންގެ އުންޏެއް ނުވޭ. އަދި އެންޓި- ޑިފެކްޝަންގެ ގާނޫނުގެ 3 ވަނަ މާއްދާގެ (ބ) ގައި ބުނާ ފަދައިން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު އަދި ނުފެށޭތީ އިންތިހާބުވެވަޑައިގެންފައިވާ ކޮންމެ މެންބަރަކުވެސް 28 މެއި 2024ގެ ކުރިން އެ ބޭފުޅަކު ބޭނުންފުޅު ޕާޓީއަކާ ގުޅިވަޑައިގަތުމުގެ ފުރުސަތު އެބަ އޮތް" ހަބީބު ވިދާޅުވިއެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވުމުގެ ޝަރުތުތައް ބަޔާންކުރާ މާއްދާއެވެ.

  • ދިވެހި ރައްޔިތަކަށްވުން
  • ބޭރު ގައުމެއްގެ ރައްޔިތަކަށްު ނުވުން
  • މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހެއް ކަމުގައިވުން
  • އުމުރުން އަށާރަ އަހަރު ފުރިފައިވުން
  • ބުއްދި ހަމައަށް ހުރި މީހަކުގައިވުން

ހަބީބު އިތުރަށް ވިދާޅުވީ ގާނޫނުއަސާސީގެ 30، 59، 63، 69 އަދި 73 ވަނަ މާއްދާގެ (ބ)އާ ހިލާފަށާއި ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ހައްގެއް ގާނޫނަކުން އުނި ނުކުރެވޭނެ ކަމަށެވެ.

އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށަހަޅައިގެން ފާސް ކުރި އެންޓި-ޑިފެކްޝަން ބިލު ރައީސް މުއިއްޒު މި މަހު 16 ވަނަ ދުވަހު ތަސްދީގު ކުރުމާއެކު ވަނީ ގާނޫނަކަށްވެފައެވެ. އެ ގާނޫނުގައިވާ ފަސް ހާލަތުން ކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ލަސްވެގެން ހަތް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން އެކަން ރައްޔިތުންގެ މަޖިލީހަށް އަންގަންވާނެއެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އެކަން ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެ މީހަކު މަޖިލިސް މެންބަރުކަމުން އިސްތިއުފާދޭން ވާނެ ކަމަށް މި ގާނޫނުގައިވެއެވެ.

އެގޮތުން އަމިއްލަ ގޮތުން އިންތިހާބު ވެފައިވާ މެންބަރަކު އެމީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ، އެ މެންބަރަކު އިސްތިއުފާ ދޭން ޖެހޭނެއެވެ. ނަމަވެސް އެ މެންބަރަކު ހުވާ ކުރެއްވުމުގެ ކުރިން ޕާޓީއަކަށް ސޮއިކޮށްފި ނަމަ، އެ ހާލަތުގައި ކަން ކުރަން ޖެހޭ ގޮތް ބަޔާންކޮށްފައެއް ނުވެއެވެ.