ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ބައްޕާފުޅު މޫސާ ޖަމީލް އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޫސާ ޖަމީލު އަވަހާރަވި ހަބަރު އަޑުއެއްސެވީ ފުންހިތާމަޔާއެކު ކަމަށެވެ. އަދި މާތް ﷲ މޫސާ ޖަމީލުގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުމަށާއި މޫސާ ޖަމީލުގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުއާކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ޝާހިދު މިއަދު ވިދާޅުވީ ބައްޕާފުޅު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އެނގިފައިވާ ގޮތުގައި މޫސާ ޖަމީލް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ފަހުންނެވެ. އޭނާގެ ކަށުނަމާދު މިއަދުގެ އަސަރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ވަނީ ކޮށްފައެވެ.

މޫސާ ޖަމީލް އަވަހާރަވި އިރު، އަނބިކަނބަލަކާއި ތިން ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވިއެވެ.