ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި އިންތިހާބު ކާމިޔާބުކުރެއްވި ހަ ކެންޑިޑޭޓަކު ސަރުކާރު ހިންގާ ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.
ޕީއެންސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި މުލިއާގޭގައި އެ ބޭފުޅުން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު ނަންގަވާފައިވާ ފޮޓޯއެއް ހިއްސާކޮށް ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ބައެއް ކެންޑިޑޭޓުން، އެޕާޓީއަށް އިއްޔެ ސޮއިކޮށްފައިވާ ކަމަށެވެ. އެ މެންބަރުންނަކީ
- ޑރ. އަނާރާ ނައީމް – ހުރާ ދާއިރާ
- ހަސަން ޒަރީރު – މަތިވެރި ދާއިރާ
- އަހުމަދު ޒަމީރު – މައްޗަންގޮޅި މެދު ދާއިރާ
- އަހުމަދު ރިޔާޒް – ތިމަރަފުށި ދާއިރާ
- ޔާސީން އަބުދުﷲ - ނައިފަރު ދާއިރާ
- އާޒިމް އަބްދުލް އަޒީޒް – ވިލިނގިލި ދާއިރާ
މި ހަ ކެންޑިޑޭޓުންނަކީ ސަރުކާރުގެ ތާއީދާ އެކު އިންތިހާބުގައި ވާދަކުރެއްވި ހަ ކެންޑިޑޭޓުންނެވެ. މީގެ ތެރެއިން ފަސް ބޭފުޅުންނަކީ ކުރިންވެސް ޕީއެންސީގެ ދަފްތަރުގައި ތިއްބެވި ބޭފުޅުންނެވެ.
ކުރިއަށް އޮތް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 93 އެވެ. އަދި ސުޕަމެޖޯރިޓީ އަކީ 70 އެވެ. މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ޕީއެންސީން ވަނީ 66 ގޮނޑި ކާމިޔާބު ކޮށްފައެވެ. މި ހަ ބޭފުޅުންނާ އެކު ޕީއެންސީގެ މަޖިލިސް މެންބަރުންގެ އަދަދު ވަނީ 72 އަށް އަރައިފައެވެ. އެހެންކަމުން ޕީއެންސީއަށް އެކަނިވެސް މިހާރު ވަނީ ސުޕަމެޖީރިޓީ ލިބިފައެވެ.
މީގެ އިތުރުން ސަރުކާރުގެ ތާއީ ދާއެކު ޖުމްހޫރީ ޕާޓީގެ މެންބަރާއި އެމްއެންޕީގެ މެންބަރަކާއި އެމްޑީއޭގެ ދެ މެންބަރުން ވެސް އިންތިހާބުވިއެވެ. އެހެންކަމުން ސަރުކާރު ކޯލިޝަންގެ ސުޕަމެޖީރިޓީގެ ޖުމްލަ އަދަދު 76 އަށް އަރައެވެ.
އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށަހަޅައިގެން ފާސް ކުރި އެންޓި-ޑިފެކްޝަން ބިލު ރައީސް މުއިއްޒު މި މަހު 16 ވަނަ ދުވަހު ތަސްދީގުކުރުމާއެކު ވަނީ ގާނޫނަކަށްވެފައެވެ. އެ ގާނޫނުގައިވާ ފަސް ހާލަތުން ކުރެ ހާލަތެއް މެދުވެރިވެއްޖެނަމަ، ލަސްވެގެން ހަތް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން އެކަން ރައްޔިތުންގެ މަޖިލީހަށް އަންގަންވާނެއެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އެކަން ރައްޔިތުންގެ މަޖިލީހަށް އަންގާ ދުވަހުން ފެށިގެން، އެ މީހަކު މަޖިލިސް މެންބަރުކަމުން އިސްތިއުފާދޭން ވާނެ ކަމަށް މި ގާނޫނުގައިވެއެވެ.
އެގޮތުން އަމިއްލަ ގޮތުން އިންތިހާބު ވެފައިވާ މެންބަރަކު އެމީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ، އެ މެންބަރަކު އިސްތިއުފާ ދޭން ޖެހޭނެއެވެ. ނަމަވެސް އެ މެންބަރަކު ހުވާ ކުރެއްވުމުގެ ކުރިން ޕާޓީއަކަށް ސޮއިކޮށްފި ނަމަ، އެ ހާލަތުގައި ކަން ކުރަން ޖެހޭ ގޮތް ބަޔާންކޮށްފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު