ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށަންޖެހޭ ގަޑި ހަމަވެގެން 20 މިނެޓް ވޭތުވެގެން ދިޔަ އިރުވެސް ކޯރަމް ހަމަނުވެގެން ފެށޭގޮތެއް ނުވިއެވެ.

ހެނދުނު 9:00 ގައި ފަށަން އޮތް ޖަލްސާ ފަށަން ބޭނުންވާ ކޯރަމް ހަމަނުވެގެން 9:19 ގައި މަޖިލިސް ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، ޖަލްސާ ފަށަން ބޭނުންވާ ވަރަށް އަދިވެސް ކޯރަމް ހަމަނުވާ ކަމަށާއި ކޯރަމް ހަމަވެއްޖެ ނަމަ 9:30 ގައި ޖަލްސާ ފަށަން ނިންމަވާ ކަމަށެވެ. އަދި އެހާއިރަށް ޖަލްސާ ފަށަން ބޭނުންވާ ކޯރަމް ނުލިބިއްޖެ ނަމަ މިއަދުގެ ޖަލްސާ ނިންމަވާލައްވާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ސަރުކާރުން ފަށާފައިވާ ނ. މާޅެންދޫ ހުޅަނގުފަރާތު ގިރާ ސަރަހައްދު ހިމާޔަތްކޮށް، ލަފާފުރޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް މި ސަރުކާރުން ވެރިކަމާ ހަވާލުވި ހިސާބުން ހުއްޓިފައިވާ އިރު، އެ މަސައްކަތް އަލުން ފެށުމާ ބެހޭ ގޮތުންނާއި ހުއްޓިފައިވާ ނ. ހެނބަދޫ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާ ގޮތާ ބެހޭގޮތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބާ ސުވާލު ކުރުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.

މީގެ އިތުރުން މުހިއްމު ކަންތައްތަކަކަށް ވޯޓަށް އެހުމަށް ވެސް މިއަދު ޖަލްސާއަށް އޮތީ އެޖެންޑާ ކޮށްފައެވެ.

އޭގެ ތެރޭގައި ބިމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި އާއްމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ ޖަދުވަލު އެކަކާއި ދޭކަށް އަމަލު ކުރުމުގެ މުއްދަތު އިތުރު ކުރުމާއި މަޖިލިސް ގަވާއިދުގެ 21 ވަނަ މާއްދާ އިސްލާހުކޮށް އާއްމު ކޮމިޓީން ނިންމި ނިމުމަށް ވޯޓަށް އެހުން ހިމެނެއެވެ.

މީގެ އިތުރުން ސިވިލް ސާވިސް ކޮމިޝަަންގެ މެންބަރެއްގެ މުއްދަތު ހަމަވެފައިވާތީ، އެ ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅުތައް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް މަޖިލިސް ތަޅުމަށް ހުށަހެޅި ރިޕޯޓަށް ވޯޓަށް އެހުމަށްވެސް ވަނީ އެޖެންޑާ ކޮށްފައެވެ.

އިބްތިދާއީ ބަހުސްގެ ގޮތުގައި ކޮޕީ ރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް އިސްލާހު ގެނައުނުގެ ބިލުގެ ބަހުސް ކުރިއަށް ގެންދަން ވެސް ވަނީ އެޖެންޑާ ކޮށްފައެވެ.

ނުނިމި ހުރި މަސައްކަތްތަކުގެ ތެރެއިން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ރިއަލްސްޓޭޓް ވިޔަފާރީގެ ބިލްގެ ބަހުސާއި ބިމުގެ ބަހުސާއި ސިއްހީ ހިދުމަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސް ކުރިއަށް ގެންދަންވެސް ވަނީ އެޖެންޑާ ކޮށްފައެވެ.