ލަންކާގައި ރޭސް ކާރަކުން ޖެހި ހަތް މީހުން މަރުވި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ލަންކާގެ ދިޔަތަލަވާގައި މިދިޔަ އާދީއްތަ ދުވަހު ހިނގި އެ ހާދިސާގައި އެ އަވަށުގައި ކުރިއަށްދިޔަ ''ފޮކްސް ހިލް ސުޕާ ކްރޮސް 2024'' ރޭހުގައި ބައިވެރިވި މީހުންގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ދެ ޑްރައިވަރުން ކަމަށް އޮފިޝަލުން ބުނެއެވެ.

އުމުރުން 36 އަހަރުގެ މީހަކާއި 47 އަހަރުގެ މީހަކު ހައްޔަރުކޮށް އެ ހާދިސާގެ ތަހުގީގު ފަށާފައިވާ އިރު، ލަންކާގެ ފުލުހުން ވަނީ އެ ރޭސް އިންތިޒާމުކުރި ފަރާތްތަކާވެސް ސުވާލުކޮށް ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދާނެ ކަމަށް ބުނެފައެވެ.

ލައްކައަކަށްވުރެ ގިނަ ސަޕޯޓަރުން ކުޅިބަލަން ތިބި ކަމަށް އޮފިޝަލުން ބުނެފައިވާ އިރު، އެކްސިޑެންޓް ހިނގި މަންޒަރު ފެންނަ ވީޑިއޯތައް ވަނީ ސޯޝަލް މީޑިއާގައި ވައިރަލް ވެފައެވެ.

ހަތް މީހުން މަރުވި އެ ހާދިސާގައި 18 މީހަކަށް ވަނީ އެކިވަރުގެ އަނިޔާވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދީފައެވެ.

އޮފިޝަލުން ބުނީ އެކުސިޑެންޓުގައި އަނިޔާވި މީހުން އެ ސަރަހައްދުގައި ހުންނަ މިލިޓަރީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށާއި ގިނަ މީހުން މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.