އިސްރާއީލުގެ މިލިޓަރީ އިންޓެލިޖެންސްގެ ވެރިޔާ އިސްތިއުފާ ދެއްވައިފިއެވެ.

އިސްރާއީލުގެ މިލިޓަރީ އިންޓެލިޖެންސްގެ ވެރިޔަކަށް ހުންނެވި މޭޖާ ޖެނެރަލް އަހަރޮން ހަލީވާ އިސްތިއުފާދެއްވީ ހަމާސް އިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު އިސްރާއީލަށް ދިން ކުއްލި ހަމަލާގެ ކުރިން އެކަން ދެނެގަތުމުގައި ފެއިލްވި ކަމުގެ ޒިންމާ ނަގާކަމަށް ބުނެއެވެ.

އިސްރާއީލުގެ ޑިފެންސް ފޯސް އިން ވަނީ މިލިޓަރީ އިންޓެލިޖެންސްގެ ޗީފް މޭޖާ ޖެނެރަލް އަހަރޮން ހަލީވާގެ އިސްތިއުފާއަށްފަހު އެމަގާމަށް އެހެން މީހަކު އައްޔަންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

ޗީފް މޭޖާ ޖެނެރަލް އަހަރޮން ހަލީވާއަކީ އިސްރާއީލުގެ މިލިޓަރީ އިސް އޮފިޝަލުންގެ ތެރެއިން އޮކްޓޯބަރުގެ ހަމަލާގެ ޒިންމާ ނަގައި އިސްތިއުފާދެއްވި ފުރަތަމަ އޮފިޝަލެވެ.

ހަމާސް އިން އޮކްޓޯބަރު ހަތެއްގައި ދިން ހަމަލާގެ ގިނަ މައުލޫމާތުތަކެއް ހަމަލާގެ ކުރިން މިލިޓަރީއަށާއި އިސްރާއީލުގެ އިންޓެލިޖެންސަށް ލިބިފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން ބުނެއެވެ. އެ ހަމަލާގައި 1200 އަށްވުރެ ގިނަ މީހުން އިސްރާއީލުން މަރުވެފައިވާ އިރު، 253 މީހުން ރަހީނުންގެ ގޮތުގައި ހަމާސް އިން ވަނީ ހައްޔަރުކޮށްފައެވެ.