ހިޔާލުތަފާތުވުންތައް ދޫކޮށްލައްވައި، އެކުވެރިކަމާއެކު ގައުމައިގެން ކުރިއަށް ދިއުމަށް ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަށާއި އެ ޕާޓީތަކުގެ ލީޑަރުންނަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ގޮވާލައްވައިފިއެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެއަކީ ފަހުރުވެރި އަދި މިނިވަންކަމަށް ލޯބިކުރާ ބައެއް ކަމާއި ދިވެހިން ބޭނުންވަނީ ދިވެހިންގެ ކަންކަން ދިވެހިން ބޭނުންވާ ގޮތަށް ކުރަންކަން ބޭރުގެ ފަރާތްތަކަށާއި ވަކި އެޖެންޑާއެއްގައި މަސައްކަތްކުރާ އިދިކޮޅު ފަރާތްތަކާ މިހާރު ސާފުވާނެ ކަމަށެވެ.

އެހެންކަމުން އެ ހިޔާލުތަފާތުވުންތައް ދެން ދޫކޮށްލައްވައި، ގައުމައިގެން ކުރިއަށް ދިއުމަށް ރައީސް ގޮވާލެއްވިއެވެ. އަދި ވިދާޅުވީ މި ގައުމު ތަރައްގީކޮށް ކުރިއަށް ގެންދިއުމަކީ އެންމެންގެވެސް ފަހުރަކަށް ހަދަންޖެހޭ ކަމަށާއި އެންމެން އެކުވެރިކަމާއެކު ކުރިއަށް ދިއުމުން އެންމެންވެސް ތިބޭނީ އުފަލުގައި ކަމަށެވެ.

"އަޅުގަނޑު މިހާރު އެދެނީ ހިޔާލުތަފާތުވުންތައް ދޫކޮށްލައްވަން. އިންތިހާބު މި ނިމުނީ. އަޅުގަނޑު ވަރަށް އަދަބުވެރިކަމާއެކީގައި އުފަލާއެކީގައި ގޮވާލަން ހުރިހާ ސިޔާސީ ވެރިންނަށްވެސް، ހުރިހާ ސިޔާސީ ޕާޓީތަކަށްވެސް ހިންގަވާށޭ ކުރިއަށްދާން. މި ގައުމަކީ އަޅުގަނޑުމެން އެންމެންގެ ގައުމު. މި ގައުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެވެސް ގައުމު. އެހެންވީމާ ހުރިހާ ބޭފުޅުން އެކުވެރިކަމާއެކީގައި އަތުކުރިއޮޅާލައިގެން އެންމެން އެކީގައި ހިނގާށޭ ކުރިއަށްދާން. އަޅުގަނޑުމެން އެންމެންނަށް އޭގެން ލިބޭނީ އުފާވެރިކަން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ރާއްޖޭގެ މުސްތަގުބަލު އޮތީ އުޖާލާކޮށް ކަމަށާއި ދެން ރާއްޖޭން ފެނިގެންދާނީ އުއްމީދު ކުރަމުން އައި ދުވަސްތައް ކަމަށެވެ. ނަމަވެސް ކޮންމެ ރައްޔިތަކު އެދެމުންދިޔަ ގޮތް ފަހިކޮށްދެވޭނީ ގައުމުގައި އެކުވެރިކަން އޮވެގެން ކަމަށް ރައީސް ވިދާޅުވިއެވެ.