އޭދަފުށީ ދާއިރާ އަށް ވާދަކުރެއްވި ރެޑްވޭވް އަހުމަދު ސަލީމް އާއި މުލަކު ދާއިރާ އަށް ވާހަކުރެއްވި ސަލީމްގެ ދަރިފުޅު އިބްރާހިމް ނައުފަލް މަޖިލީހުގެ ގޮނޑި ކާމިޔާބުކުރައްވައިފިއެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަހުމަދު ސަލީމް، އޭދަފުށި ދާއިރާގެ ގޮނޑި ދިފާއު ކުރައްވާފައިވަނީ ބޮޑު ތަފާތަކުންނެވެ. އެ ދާއިރާއަށް ސަލީމްގެ އިތުރުން ވާދަކުރެއްވީ އެމްޑީޕީގެ ކެނޑިޑޭޓް އަބުދުލް ހަމީދު މުހައްމަދާއި ޖުމްހޫރީ ޕާޓީން މުހައްމަދު ނާސިރު، އަމިއްލަ ގޮތުން އަބުދުﷲ ވިސާމާއި ޔާސިރު ހުސެއިން އެވެ.

އެގޮތުން ސަލީމަށް 1197 ވޯޓު ލިބިވަޑައިގެންނެވި އިރު، އަމިއްލަ ގޮތުން ވާދަ ކުރި ވިސާމަށް ލިބުނީ 634 ވޯޓެވެ. އެމްޑީޕީގެ ކެނޑިޑޭޓް އަބުދުލް ހަމީދަށް 26 ވޯޓް، ޖޭޕީގެ މުހައްމަދު ނާސިރަށް 43 އަދި ޔާސިރު ހުސެއިނަށް އަށް ވޯޓެވެ.

މިއީ ސަލީމް އޭދަފުށި ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ހަތަރު ވަނަ ފަހަރެވެ. މިހާރުވެސް އޭދަފުށި ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ ސަލީމަކީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕީޖީ ލީޑަރެވެ. ސަލީމާއި އޭނާގެ ދަރިފުޅު އިބްރާހިމް ނައުފަލްވެސް މިފަހަރު ވާދަކުރެއްވީ ޕީއެންސީ ޓިކެޓްގައެވެ.

ސަލީމްގެ ދަރިފުޅު ނައުފަލް ވާދަކުރެއްވީ މުލަކު ދާއިރާއަށެވެ. އޭނާއާ ވާދަ ކުރެއްވީ އެމްޑީޕީގެ ކެނޑިޑޭޓް މޫސާ ޝިޔާމް އަބުދުﷲ އަލީ އާއި ދަ ޑިމޮކްރެޓްސްގެ ތޯހާ ރަޝީދެވެ. ނައުފަލް އެ ގޮނޑި ކާމިޔާބު ކުރެއްވީ 1185 ވޯޓުންނެވެ. އެމްޑީޕީ ކެނޑިޑޭޓް މޫސާ ޝިޔާމަށް 728 ވޯޓް އަދި ތޯހާއަށް 15 ވޯޓެވެ.