ގައުމީ އެއާލައިން، މޯލްޑިވިއަނުން، އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ސްރީ ލަންކާގެ، ވެރިރަށް ކޮލަމްބޯއަށް ދަތުރުތައް ފަށަށް ތައްޔާރުވެއްޖެއެވެ.
މޯލްޑިވިއަނުން ކޮލަމްބޯއަށް ކުރާ ދަތުރުތަކުގެ ޓިކެޓު އަގު ފެށެނީ 165 ޑޮލަރަށެވެ. ކޮންމެ ބުރާސްފަތި އަދި ހޮނިހިރު ދުވަހެއްގައި ދަތުރުތައް އޮންނަ އިރު، ބެގެޖް އެލަވަންސްގެ ގޮތުގައި ޕަސެންޖަރުންނަށް 30 ކިލޯ ލިބިގެންދެއެވެ.
މާލެއިން، ކޮލަމްބޯއަށް ފުލައިޓް ރޭގަނޑު 7:35 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިރު، ކޮލަމްބޯއިން މާލެއަށް ފުލައިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 10:35 ގައެވެ. އަދި ފުލައިޓު މަތިން ކާތަކެތި ޕަސެންޖަރުންނަށް ފޯރުކޮށްދޭނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
މޯލްޑިވިއަނުން ބުނީ އެ އެއާލައިނުން ދަތުރުކުރާ ޕަސެންޖަރުންނަށް ނަވަލޯކާ ހޮސްޕިޓަލުން މެޑިކަލް ކޮންސަލްޓޭޝަން، މެޑިކަލް ހިސްޓްރީ އެވެލުއޭޝަން، ބޮޑީމާސް އިންޑެކްސް ޓެސްޓު އަދި ވިޝަން ޓެސްޓު ހެދެން ހުންނާނެ ކަމަށާއި ކްލިނިކަލް ޑައިޓިޝަނަކާ ކޮންސަލްޓު ކުރުމުގެ ފުރުސަތުގެ އިތުރުން ޑެންޓަލް ޗެކަޕާއި ލެބޯޓަރީ ޓެސްޓުތަކުން 15 ޕަސަންޓް ޑިސްކައުންޓް ލިބެން ހުންނާނެ ކަމަށެވެ. އަދި ހެލްތު ސްކްރީނިން ޕެކޭޖުތަކުން ހާއްސަ ޑިސްކައުންޓެއްގެ އިތުރުން އެކްސް ރޭ ނެގުމަށް ފަސް ޕަސެންޓް ޑިސްކައުންޓް ލިބިގެންދާނެ ކަމަށް ވެސް މޯލްޑިވިއަނުން ބުންޏެވެ.
ކޮލަމްބޯއަށް ދަތުރުކުރާ އެހެން ފުލައިޓުތަކުން ބެގޭޖް އެލެވަންސްގެ އިތުރުކުރުމަށް ޗާޖެއް ނެގި ނަމަވެސް މޯލްޑިވިއަނުން ފޯރުކޮށްދޭ 30 ކިލޯގެ ބެގޭޖް އެލަވަންސަށް އެއްވެސް އިތުރު ޗާޖެއް ނުނަގާނެއެވެ. ކޮލަމްބޯއަށް ދަތުރުކުރާ ބަޖެޓް އެހެން އެއާލައިންތަކާ ހިލާފަށް މޯލްޑިވިއަންގެ އަމާޒަކީ ޕަސެންޖަރަށް ރަނގަޅު ކާނާ ފޯރުކޮށްދީ ދަތުރުގެ ތަޖުރިބާ ރަނގަޅުކޮށްދިނުން ކަމަށް އެ އެއާލައިނުން މައުލޫމާތުދެއެވެ.
މޯލްޑިވިއަނުން މައުލޫމާތުދޭ ގޮތުގައި، އުމުރުން ދުވަސްވީ ޕަސެންޖަރުންނަށް ހާއްސަކޮށްގެން އިނގިރޭސި އަދި ދިވެހި ބަހުން ވާހަކަ ދައްކަން އެނގޭ މުވައްޒަފުން އެސިސްޓެންޓުންގެ ގޮތުގައި ތިބޭނެއެވެ.
ކޮލަމްބޯ ދަތުރުތައް ބުރާސްފަތި އަދި ހޮނިހިރުގައި ބޭއްވުމުގެ ބޭނުމަކީ ބުރާސްފަތި ދުވަހު އޮފީސް ނިންމާލައި ކޮލްމްބޯއަށް ދިއުމަށްފަހު ހޮނިހިރު ދުވަހު އަނބުރާ ރާއްޖެއަށް އާދެވޭ ގޮތަށް ހަދައި، ހަފުތާ ބަންދަށް ސްރީ ލަންކާއަށް ދެވޭނެ ގޮތް ހަމަޖައްސައިދިނުން ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު