ލަންކާގައި ރޭސް ކާރަކުން ޖެހި ހަތް މީހުން މަރުވެއްޖެއެވެ.

ލަންކާގެ ދިޔަތަލަވާގައި އާދީއްތަ ދުވަހު ހިނގި އެހާދިސާގައި 18 މީހަކަށް އެކިވަރުގެ އަނިޔާ ވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ލަންކާގެ ދިޔަތަލަވާ އަވަށުގައި އެގައުމުގެ މިލިޓަރީ އިން ބޭއްވި ރޭހެއްގައި ބައިވެރިވި ކާރުތަކުން ރޭސް ޖަހަނިކޯށް ވަށައިގެން ކުޅި ބަލަން ތިބި މީހުންގެ ގަޔަށް އެއް ކާރު އަރައި އޭގެ ތެރެއިން ހަތް މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ލައްކައަށް ވުރެ ގިނަ ސަޕޯޓަރުން ކުޅިބަލަން ތިބި ކަމަށް އޮފިޝަލުން ބުނެފައިވާ އިރު، އެކްސިޑެންޓް ހިނގި މަންޒަރު ފެންނަ ވީޑިއޯތައް ވަނީ ސޯޝަލް މީޑިއާގައި ވައިރަލް ވެފައެވެ.

އޮފިޝަލުން ބުނީ އެކުސިޑެންޓްގައި އަނިޔާވި މީހުން އެ ސަރަހައްދުގައި ހުންނަ މިލިޓަރީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށާއި ގިނަ މީހުން މަރުވެފައިވަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

ލަންކާގެ ފުލުހުން ވަނީ އެ ހާދިސާގެ ތަހުގީގު ފަށައިފައެވެ.