މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިތުރު ދައުރަކަށް ވާދަކުރެއްވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފިއެވެ.

މިދިޔަ ނޮވެންބަރު މަހުން ފެށިގެން މަޖިލީހުގެ ރައީސްކަން ކުރައްވަމުން ގެންދަވާ އަސްލަމަކީ ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ތިއްބެވި އެންމެ ގިނަ ދުވަސްވީ އެންމެ މެންބަރެވެ. އޭނާ މިފަހަރު ވާދަކުރެއްވީ ފަސްވަނަ ދައުރަކަށެވެ.

މިއަދު ބޭއްވި 20 ވަނަ މަޖިލީހުގެ އިންތިހާބުގައި ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް އަސްލަމް އާއެކު ޖުމުލަ ހަތް ކެންޑިޑޭޓުން ވާދަކުރެއްވިއެވެ. އެއީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު ސިނާން (ސިނާ) އާއި އަމިއްލަ ގޮތުން ވާދަކުރެއްވި އިމްދާދު ޒުބެއިރާއި އަހުމަދު ސައީދާއި މުހައްމަދު މިރުޒާގާއި ޝަބީނާ އިބްރާހިމް ދީދީގެ އިތުރުން ޝަޒީމާ ރަޝީދެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ ގޮނޑި ކާމިޔާބު ކުރެއްވީ، ސިނާ އެވެ. ސިނާންއާ އެންމެ ގާތުން ވާދަކުރެއްވީ އަސްލަމްއެވެ. މިއީ އެ ދާއިރާގެ ގޮނޑި ޕީއެންސީން ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.

ގަލޮޅު އުތުރު ދާއިރާގެ ގޮނޑި އީވާއަށް ގެއްލުނުއިރު، އޭނާ ވަނީ ތިން ދައުރު ފުރިހަމަ ކުރައްވައިފައެވެ. އީވާ މި ފަހަރުގެ އިންތިހާބަށް ނުކުންނެވީ އެހެން އިންތިހާބުތަކާ ހިލާފަށް އެމްޑީޕީ ދޫކޮށް ދަ ޑިމޮކްރެޓްސް އިންނެވެ. އީވާއާ ވާދަކޮށް ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

އީވާ ވަނީ ބަލި ގަބޫލުކުރައްވައި ކުޑޫއަށް މަރުހަބާވެސް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ވޭތުވެދިޔަ ތާނގައި ގަލޮޅު އުތުރުން ދެއްވި އިތުބާރާ ޔަގީން ކަމަށް ހިތުގެ ހާލިސް ޝުކުރު ދަންނަވާ ކަމަށެވެ.